ENGLISH
18 ޖޫން 2025
"ޙައްޖު އެރައިވަލް އޮޕަރޭޝަން" ނިންމާލީ ކާމިޔާބުކަމާއެކު: އެމްއެންޑީއެފް
18 ޖޫން 2025
|
ދިވެހި ސިފައިންގެ ޚިދުމަތުން ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދެނީ. ފޮޓޯ: އެމްއެންޑީއެފް
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލެ އޭރިޔާ ކޮމާންޑުން ފެށި "ޙައްޖު އެރައިވަލް އޮޕަރޭޝަން" ނިންމާލީ ކާމިޔާބުކަމާއެކު ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެ އިދާރާގެ ރަސްމީ ވެބްސައިޓުގައި މީޑިއާތަކަށް އާއްމުކޮށްފައިވާ މަޢުލޫމާތުގައި ބުނީ، އޮޕަރޭޝަން ކުރިއަށްގެންދިޔައީ ޙައްޖާޖީން ރާއްޖެ އެނބުރި އައި ތާރީޚުތަކުގައި ކަމަށެވެ. އެގޮތުން ޖޫން 13 އިން ޖޫން 17 ގެ ނިޔަލަށް ޙައްޖު އެރައިވަލް އޮޕަރޭޝަން ކުރިއަށް ގެންދިޔަ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ "ޙައްޖު އޮޕަރޭޝަން 2025" ނަމުގައި، ސަރުކާރުން ޙައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ފަރާތުންނެވެ.
މި އޮޕަރޭޝަނުގައި މާލެ އޭރިއާ ކޮމާންޑްގެ ކޮމްޕޯނަންޓްތައްކަމަށް ވާ އެމްޑީޔޫ 2، އެމްޑީޔޫ 3 އަދި އެމްޑީޔޫ 4 ގެ މެރިންސް ވަނީ ޢަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ.
މި އޮޕަރޭޝަނުގައި، ޙައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މަސައްކަތްކޮށްފައެވެ.
މީގެ ކުރިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މި އޮޮޕަރޭޝަނުގައި ޙައްޖާޖީން ރާއްޖެއިން ފުރި ދުވަސްތަކުގައި، މާލެއިން އެއަރޕޯޓަށް ލަގެޖުތައް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެއަރޕޯޓުގައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެއަރޕޯޓު ޓަރމިނަލްގައި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކޮށްފައެވެ.
ދިވެހި ޙައްޖާޖީންގެ ފަހު ފްލައިޓް ރާއްޖެ އައީ ރޭ 10:54 ގައެވެ. އެގޮތުން ރޭ ޤައުމީ އެއާލައިން، މޯލްޑިވިއަންގައި 255 ޙައްޖާޖީން ރާއްޖެ އައިސްފައިވެއެވެ.
މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަރުކާރުގެ ކޯޓާގެ ދަށުން 1000 ޙައްޖާޖީން ވަނީ ސައުދީ އަރަބިއާއަށް ގޮސްފައެވެ. ހުރިހާ ޙައްޖުވެރިން ދިޔައީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.
ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު ޙައްޖާޖީން އެނބުރި އަންނަން ފެށީ މިދިޔަ ހުކުރު ދުވަހެވެ. އެގޮތުން ފުރަތަމަ ގްރޫޕް އައިސްފައިވަނީ ޖޫން 13 ވަނަ ދުވަހެވެ. ދެވަނަ ގްރޫޕް ޖޫން 14 ވަނަ ދުވަހު އައިސްފައިވާއިރު ތިންވަނަ ގްރޫޕް އައީ ޖޫން 16 ވަނަ ދުވަހެވެ. ހަތަރު ގްރޫޕުގެ ތެރެއިން މޯލްޑިވިއަންގައި، ދެ ގްރޫޕަކުން ވަނީ ރާއްޖެ އައިސްފައެވެ.