ENGLISH

18 ޖޫން 2025

Advertisement

ޙައްޖުގެ އަޅުކަމަށް ފަހު ދިވެހި ހުރިހާ ޙައްޖާޖީން ރާއްޖެ އަތުވެއްޖެ

18 ޖޫން 2025

|

ޢަލީ ޝަހީމް

ޙައްޖުވެރިންގެ ފަހު ފްލައިޓްގައި ރާއްޖެ އައި ޙައްޖާޖީއެއް އާއިލާއާއެކު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދިވެހި ހުރިހާ ޙައްޖާޖީން ރާއްޖެ އަތުވެއްޖެއެވެ. 

ދިވެހި ޙައްޖާޖީންގެ ފަހު ފްލައިޓް ރާއްޖެ އައީ ރޭ 10:54 ގައެވެ. އެގޮތުން ރޭ ޤައުމީ އެއާލައިން، މޯލްޑިވިއަންގައި 255 ޙައްޖާޖީން ރާއްޖެ އައިސްފައިވެއެވެ. 

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަރުކާރުގެ ކޯޓާގެ ދަށުން 1000 ޙައްޖާޖީން ވަނީ ސައުދީ އަރަބިއާއަށް ގޮސްފައެވެ. ހުރިހާ ޙައްޖުވެރިން ދިޔައީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. 

ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު ޙައްޖާޖީން އެނބުރި އަންނަން ފެށީ މިދިޔަ ހުކުރު ދުވަހެވެ. އެގޮތުން ފުރަތަމަ ގްރޫޕް އައިސްފައިވަނީ ޖޫން 13 ވަނަ ދުވަހެވެ. ދެވަނަ ގްރޫޕް ޖޫން 14 ވަނަ ދުވަހު އައިސްފައިވާއިރު ތިންވަނަ ގްރޫޕް އައީ ޖޫން 16 ވަނަ ދުވަހެވެ. ހަތަރު ގްރޫޕުގެ ތެރެއިން މޯލްޑިވިއަންގައި، ދެ ގްރޫޕަކުން ވަނީ ރާއްޖެ އައިސްފައެވެ. 

ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ އިންތިޒާމުތަކާމެދު ހުރިހާ ޙައްޖުވެރިންވެސް ހިތްހަމަޖެހުން ފާޅުކުރި ކަމަށެވެ. 

ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއިން އިންތިޒާމުތަކާއި، ޙައްޖުވެރިންގެ ޙާލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބެއްލެވި ކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާކަމަށް ޝަކީލް ވިދާޅުވިއެވެ. 

މިއަހަރުގެ ޙައްޖުގެ ކަންކަން ފުރިހަމަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއާއެކު ލިބިގެންދިޔަ އެންމެ ބޮޑު ލުއި ފަސޭހައަކީ އެއަރޕޯޓްގައި އިމިގްރޭޝަންގެ ކަންކަން ކުރުމަށް މަޑުކުރަން ނުޖެހުމެވެ. އެ ނިންމެވުމާއެކު ދިވެހި ޙައްޖާޖީން ސައުދީ އަރަބިއާއަށް ދިއުމުން ހޫނު މަރުޙަބާއެއް ކިޔައި، އެއަރޕޯޓުގައި މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިޔައެވެ. 

މިއަހަރު ޙައްޖަށް ދިޔަ 1000 މީހުންގެ ތެރޭގައި، ސަރުކާރުގެ އެހީގައި ޙައްޖުގެ އަޅުކަމަށް ދިޔަ 50 މީހުން ވެސް ހިމެނެއެވެ. އެއީ ޙައްޖަށް ދިއުމުގެ ކެރިފޯރުންތެރިކަން ނެތް މީހުންނަށް ސަރުކާރުން ދެމުން އަންނަ ފުރުޞަތުގެ ދަށުން ދޫކުރި ޖާގަތަކެކެވެ. 

މިއަހަރު ދުނިޔެއިން 1،673،230 (1.6 މިލިއަން) މީހުން ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު