ENGLISH
17 ޖޫން 2025
ތަކުރާރުކޮށް އެދުމުން ވެސް ރިޔާސީ ކޮމިޝަނަށް ޔުމުންގެ އާއިލާ އިން އެއްބާރުލުން ނުދިން
17 ޖޫން 2025
|
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޙައްވާ ޔުމްނު ރަޝީދު
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށާއި އެ މައްސަލައިގައި ތަޙުޤީޤީ އިދާރާތަކުން ކަންކޮށްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް އަންހެން މީހާގެ އާއިލާގެ ފަރާތުން އެއްބާރުލުން ދީފައިނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް, ކުރީގެ ބަންޑާރަ ނާއިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ތަހުޤީޤަށް ޔުމްނުގެ ބަޔާން ނެގުމަށް އާއިލާގައި އެކި ފަހަރު މަތީން އެދުނު ކަމަށެވެ. ސީދާ އެމަނިކުފާނު ވެސް އެ އާއިލާއާ ގުޅާ އެކަމަށް އެދިވަޑައިގެންނެވި ކަމަށާ ނަަމަވެސް އާއިލާ އިން އެއްބާރުލުން ދީފައިނުވާ ކަމަށް ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރިޔާސީ ކޮމިޝަނުން 69 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ކޮމިޝަންގެ ރިޕޯޓަށް ޔުމްނުގެ ބަޔާން ވަރަށް މުހިންމު ކަމަށާ ނަމަވެސް ތަކުރާރުކޮށް ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައިނުވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިންމާާ ރިޕޯޓް ރައީސަށް ވަނީ ހުށައަޅާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮމިޝަންގެ ރިޕޯޓް އާންމު ކުރެއްވުމަށް އަންގަވާފަ އެވެ.
ދިވެހި ފުލުހުންގެ ތަހުޤީޤަށް ވެސް އަންހެން މީހާގެ ބަޔާން ނެގުމަށް އޭނާ މެލޭޝިޔާއަށް ގެންދިޔައީއްސުރެ ފުލުުހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ސީދާ މެލޭޝިޔާއަށް ދެ ފުލުހުން ގޮސް އެ މަސައްކަތް ކުރެވޭނެ ފުރުސަތު ލިބޭތޯ ތިބޭތާ އެތައް ދުވަހެއްވީއިރު ވެސް އެ ފުރުސަތު ފަހިކޮށް ނުދިނުމުން ފުލުހުން ވަނީ އެކަން އާންމު ކޮށްފަ އެވެ.
ފުރާޅުމައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ޔުމްނު ފަރުވާ ހޯދަން މެލޭޝިޔާއަށް ގެންދިޔައީ ދައުލަތާއި އާންމުންގެ ވަަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ.