ENGLISH

01 ޖުލައި 2025

Advertisement

އިންސާނީ ވަޞީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ޤައުމީ ސަރވޭގެ ރިޕޯޓް އިފްތިތާހުކޮށްފި

17 ޖޫން 2025

|

އިސްމާއީލް ރާތިއު

އިންސާނީ ވަޞީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ޤައުމީ ސަރވޭގެ ރިޕޯޓް އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތުގައި ރިޕޯޓު ލޯންޗުކޮށްދެއްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. 

ދެހާސް ސައުވީސް ވަނަ އަހަރު ކުރިއަށްގެންދިޔަ މިދިރާސާގެ އަމާޒަކީ ހޯދުންތަކުގެ އަލީގައި، ތަމްރީނުދޭ މުއައްސަސާތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ، ރާއްޖޭއަށް ބޭނުންވާ ޢިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށްނިދުމުގެ މަގުޗާޓެއް އެކުލަވާލުމެވެ. އަދި މި ދިރާސާގެ ހޯދުންތަކުގެ އެހީގައި ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މަސައްކަތުގެ ދާއިރާތަކުގެ މަޢުލޫމާތު އެއްކުރެވިފައިވާ ލޭބަރ މާކެޓް އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކުރުމާއި ނެޝަނަލް ކެރިއާސް ސާރވިސް މެދުވެރިކޮށް ވަޒީފާ ހޯދަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަކީވެސް މި ދިރާސާ ހެދުމުގެ މަޤްޞަދެކެވެ.

އެގޮތުން  މި ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިޤްތިޞާދީ 7 ދާއިރާއަކުން މަޢުލޫމާތު އެއްކޮށްފައިވެއެވެ. އެ ދާއިރާތަކަކީ:

  1. ފަތުރުވެރިކަމުގެ ދާއިރާ

  2. ޢިމާރާތްކުރުމުގެ ދާއިރާ

  3. އިޖްތިމާޢީ ދާއިރާތައް: ތަޢުލީމީ ދާއިރާ އަދި ސިއްޙަތާއި އިޖްތިމާޢީ ޚިދުމަތްތެރިކަމުގެ ދާއިރާ

  4. ހޯލްސޭލް ރީޓެއިލް، ވިޔަފާރީގެ ދާއިރާ

  5. އިންފޮމޭޝަން، ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ

  6. ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ

  7. ދަތުރުފަތުރުގެ ދާއިރާ  

ދިރާސާގައި ހިމަނާފައިވާ ދާއިރާތަކުގައި ހިމެނޭ މަސައްކަތްތެރިންގެ ތަފާސްހިސާބު އަދި ކޮންމެ ދާއިރާއަކަށް އެންމެ ބޭނުންވާ ތަމްރީނާއި ހުނަރުތަކަށް ދިރާސާގައި އަލިއަޅުވާލާފައިވެއެވެ.

މި ޙަފްލާގައި ވާހަކަދައްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވީ، މި މަސައްކަތަކީ މުސްތަޤުބަލަށް ތައްޔާރު"، ނުވަތަ "ފިއުޗަރ ރެޑީ" ޤާބިލް ވަޒީފާގެ ބާޒާރެއް ބިނާކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. 

"ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓަކީ އިންސާނީ ވަޞީލަތް ތަރައްޤީކޮށް ބިނާކުރުމަށް ރާއްޖޭގައި މި ކުރާ މަސައްކަތްތައް ޢިލްމީ ގޮތުން ދެނެގަނެ، މުސްތަޤުބަލު ރޭވުމަށް ކުރެވުނު ވަރަށް މުހިންމު، އަދި އެހާމެ ބޮޑު މަސައްކަތެއް. އާދެ، މިއީ "މުސްތަޤުބަލަށް ތައްޔާރު"، ނުވަތަ "ފިއުޗަރ ރެޑީ" ޤާބިލް ވަޒީފާގެ ބާޒާރެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް." ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ، ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓަކީ ހަމައެކަނި ތަފާސްހިސާބާއި މައުލޫމާތުތަކުގެ ތަހުލީލުތައް އެކަށައަޅާފައިވާ ރިޕޯޓެއް ނޫންކަމަށާއި އިންސާނީ ރައުސްމާލަށް އިންވެސްޓު ކުރުމަށް އޮތް މަގުޗާޓެއް ކަމަށެވެ. އަދި އިޤުތިޞާދު ސިންދަފާތު ކުރުމަށް އެކަށައެޅުނު ޕްލޭނެއް ކަމަށާއި ތަރައްޤީގައި ޝާމިލުކަން ހިމަނާ، ޤައުމީ ފުދުންތެރިކަން އިތުރުކޮށްގެން ކުރިމަގު ބައްޓަން ކުރަން އަޅުގަނޑުމެންގެ ޤައުމުން ކުރާ ދިގު ދަތުރުގައި މަގުދައްކާނެ އިސްތިރާޖީ ހަތިޔާރެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު