ENGLISH
01 ޖުލައި 2025
ދިވެހިރާއްޖެ، ތަރައްޤީވެފައިވާ ޤައުމުތަކުގެ ގިންތީގައި ހިމެނުމަކީ ރައީސްގެ ތަޞައްވުރު: ނައިބު ރައީސް
17 ޖޫން 2025
|
މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
މީގެ ފަނަރަ ވަރަކަށް އަހަރު ފަހުން، 2040 ވަނަ އަހަރު އަންނަންވާއިރަށް، ތަރައްޤީވެފައިވާ ޤައުމުތަކުގެ ގިންތީގައި ދިވެހިރާއްޖެ ހިމެނިގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރު ކަމަށް، ނައިބު ރައީސް، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިންސާނީ ވަޞީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ޤައުމީ ސަރވޭ އިފްތިތާޙު ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.
"ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާމެދު ގެންގުޅުއްވާ އެންމެ މަތީ އުންމީދު، އާދެ، ތަޞައްވުރަކީ، މީގެ ފަނަރަ ވަރަކަށް އަހަރު ފަހުން، އާދެ، 2040 ވަނަ އަހަރު އަންނަ އިރު، ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ގިންތިއަށް ގެންގޮސްދެއްވުން. އެހެން ޢިބާރާތަކުން ދަންނަވާނަމަ، ތަރައްޤީގެ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ފުދުންތެރި، ވަރުގަދަ އިޤްތިޞާދެއް އޮތް ރަށްވެހިކަމެއް އޮތް ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުން." އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ، ހުނަރުވެރި، މޮޅަށް ކިޔަވައިގެން ތިބި ދިވެހީން މި ޤައުމުގައި އުފެދިގެން ދިއުން ކަމަށެވެ. އަދި، އާމްދަނީ ލިބޭ މަސައްކަތްތަކުގައި ދިވެހީންގެ ބައިވެރިވުން އިތުރުވެގެންދިއުމުގެ މުހިންމުކަންވެސް އެ މަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.
އެގޮތުން، ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނެ ވަރަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވާ، ނައިބު ރައީސް ވަނީ މިކަން ޙަޤީޤަތަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން އަންނަ ބައެއް މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ ނިމިދިޔަ 18 މަސްދުވަސްތެރޭ މި ވަޢުދުފުޅު ފުއްދެވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، ދިވެހީންނަށް ނޫނީ އަދާނުކުރެވޭނެ ވަޒީފާތަކެއް ކަނޑައަޅާ، ވަޒީރުންގެ މަޖިލީހުން އެގޮތަށް ފާސްކޮށް، އިޢުލާނުކޮށްފައިވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށް، ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާފަދަ، ދިވެހިން ތިބުން މުހިންމު ދާއިރާތަކުގައި ދިވެހިން އިތުރުކުރުމަށް، އެ ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާތަނަށް އުފެއްދިފައިވާ ވަޒީފާގެ ފުރުސަތުތަކަށް އަލިއަޅުއްވަމުން ނައިބު ރައީސް ވަނީ މުހިންމު ކަމެއްގެ ގޮތުގައި ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ވާހަކަ ފާހަގަކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ މި ޕްރޮގްރާމަކީ މަސައްކަތުގެ އަޚްލާޤު ހުރި، ހީވާގި އަދި ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި ފެށިގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ސިފައިންގެ ޚިދުމަތަށާއި ފުލުހުންގެ ޚިދުމަތުގެ އިތުރުންވެސް އެކިއެކި ދާއިރާތަކުން ޤައުމީ ޚިދުމަތަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ޚާއްޞަ އެލެވެންސްއަކާއެކު، އެކަމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށަން ތައްޔާރުވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ވާހަކަ ފާހަގަކުރައްވާ، ނައިބު ރައީސް ވިދާޅުވީ މި ޒޯން ތަޢާރަފުވުމާ ގުޅިގެންވެސް އާ ބާވަތްތަކެއްގެ އެތައް މަސައްކަތެއް ވުޖޫދު ކުރެވިފައިވާ ކަމަށާއި މި ވަޒީފާތަކަށް ވެސް އެތައް ބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރަށްވެސް، ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރެއް ޤާއިމުކުރެވި، އެތަނުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށާއި، ބަންކަރިންގް ޚިދުމަތާއި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތްވެސް މިހާރު ފެށިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވީހާވެސް އަވަހަށް ޓްރާންޝިޕް ބަނދަރެއްވެސް ޤާއިމްކުރެވިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ، ދަނޑުވެރިކަމުގެ ދާއިރާއިން ފުޑް ސެކިއުރިޓީއާ ގުލޭ މަޝްރޫޢެއް އިޢުލާނުކުރައްވާފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ އާ ޓަރމިނަލް ހުޅުވިގެންދިއުމާއެކު، އެތަނުންވެސް އެތައް ސަތޭކަ ވަޒީފާއެއް އުފެދިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ، ޙަޤީޤަތުގައި ކުރިއަށް މިއޮތީ މި ޤައުމަށްޓަކާ ކުރަން ވަރަށް ގިނަ މަސައްކަތް. ހުރިހާ ރައްޔިތުންގެ ބައިވެރިވުން، ގުޅިގެން، މި މަސައްކަތް ކާމިޔާބުކަމާ އެކީގަ ކުރަން އެބަޖެހޭ. ދިވެހިރާއްޖެ އަކީ އިޤްތިޞާދީ ގޮތުން ވަރުގަދަ، ފުދުންތެރި، ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. އެއީ މިޤައުމުގެ މާދަމާގެ ދަރިންގެ ޙައްޤުގައި އަޅުގަނޑުމެން އުފުލަންޖެހޭ ވާޖިބެއްވެސްމެ. އަޅުގަނޑުގެ އިލްތިމާސްއަކީ މި ޒިންމާ އަދާކުރެއްވުމުގައި ދިވެހި ކޮންމެ ރައްޔިތަކުވެސް ބައިވެރިވެވަޑައިގަތުން."
ނައިބު ރައީސްގެ ވާހަކަފުޅު ނިންމާލައްވާފައިވަނީ، ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން ވަރުގަދަ، ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމަށާއި އެ ކަމަކީ މާދަމާގެ ދަރީންގެ ހައްޤުގައި އުފުލަންޖެހޭ ވާޖިބެއް ކަމަށް ވިދާޅުވެއެވެ. އަދި މި ޒިންމާ އަދާކުރުމުގައާއި ސަރުކާރުން ފަހިކޮށްދޭ ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް، އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.