ENGLISH

17 ޖޫން 2025

Advertisement

ތެހެރާނު ދޫކޮށް ދާން އެންގުމަށްފަހު، އިޒްރޭލުން ޙަމަލާތައް ދޭން ފަށައިފި

17 ޖޫން 2025

|

ހަސަން އާމިރު

އީރާނުގެ ވެރިރަށް ތެހެރާނުގައި ދިރިއުޅޭ ރައްޔިތުން އެ ސިޓީ ދޫކޮށް ދިޔުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވައިލެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެ ސިޓީއަށް އިޒްރޭލުން ޙަމަލާތައް އަމާޒުކުރަން ފަށައިފިއެވެ.

އީރާނުގެ މެހެރް ނޫހުން ބުނީ، ތެހެރާނުގެ އިރުދެކުނު ސަރަޙައްދުތަކުން ބާރުފަދަ ގޮވުންތަކެއްގެ އަޑު އިވެމުންދާ ކަމަށެވެ. އަދި އެ ސަރަޙައްދުން ދުން އަރަމުންދާ މަންޒަރު ވެސް އަލްޖަޒީރާގެ ބްރޯޑްކާސްޓުން ވެސް ފެނެއެވެ.

އީރާނަށް އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ދޭން ފެށި ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް ވެރިން ޝަހީދުކޮށްލާފައިވެއެވެ. އަދި އެ ގައުމުގެ ނިއުކްލިއާ ސަައެންސްވެރިންތަކެއް ވެސް ޝަހީދުކޮށްލިއެވެ. އޭގެ ރައްދުގައި އީރާނުން ވެސް މިސައިލާއި ޑްރޯން ބޭނުންކޮށްގެން، އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ވަނީ ޙަމަލާދީ، ބޮޑެތި ގެއްލުންތައް ދީފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ފަރާތުން ޙަމަލާތައް ބަދަލުކުރަމުންދާއިރު، އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާ ކަމަށް ދެ ފަރާތުން ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އިޒްރޭލުން ރޭގެ ވަގުތެއްގައި ވަނީ، އީރާނުގެ ދަޢުލަތުގެ ޓީވީ ހިންގާ އިމާރާތަށް ވެސް ރަހުމްކުޑަ ޙަމަލާއެއް އަމާޒުކޮށްފައެވެ. އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ޓީވީ ސްޓޭޝަނަށް ޔަހޫދީން ބޮން އަޅާފައިވަނީ، ރޭގަނޑުގެ ޕްރޮގްރާމްތަކަށް މުވައްޒަފުން ތައްޔާރުވަމުންދަނިކޮށެވެ.

ބޮން އެޅި ވަގުތު، އެ ސްޓޭޝަންގެ ޕްރޮގްރާމެއް ވަގުތުން ދުރަށް ދައްކަމުންދިޔައެވެ. ބޮން އެޅުމާ އެކު މުޅި އިމާރާތް ގުޑައިގެންގޮސް، އެ ޕްރޮގްރާމް ހުށަހަޅައިދޭން އިން އީރާނުގެ ތަޖުރިބާކާރު ނިއުސްކާސްޓަރ ސަޙަރް އިމާމީ ސަލާމަތް ހޯދަން ދުއްވައިގަންނަ މަންޒަރު ފެނެއެވެ.

އެ ސްޓޭޝަނަށް ދިން ނިރުބަވެރި ޙަމަލާގެ ރައްދު ވަރުގަދައަށް ދޭނެކަމަށް އީރާނުން ވަނީ ބުނެފައެވެ. ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އިޒްރޭލުން ދިން ޙަމަލާތަކުގައި، މިހާތަނަށް އީރާނުގެ 224 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެއިތުރުން، އެ ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 1،200 އަށް އަރައިފައެވެ. އިޒްރޭލުގެ ރަހުމްކުޑަ ޢުދުވާނުތަކުގައި ގެއްލުން ލިބުނު މީހުންގެ 90 އިންސައްތަކީ އާންމުން ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުން ވެސް އިޒްރޭލުގެ އެކި ސަރަޙައްދުތަކަށް ޑްރޯނާއި މިސައިލް ބޭނުންކޮށްގެން، ރައްދުގައި ޙަމަލާތައް ދެމުންދާއިރު، އެ ޙަމަލާތަކުގައި މިހާތަނަށް 24 މީހަކު މަރުވެ، 592 މީހަކު ޒަޚަމްވެފައިވާކަމަށް ޔަހޫދީންގެ ދައުލަތުން ބުނެފައިވެއެވެ.

އީރާނަށް ދެމުންދާ ޙަމަލާތަކުގެ ތެރެއިން "މުޅި މެދުއިރުމަތީގެ މޫނުމަތި" ބަދަލުކޮށްލާނެކަމަށް އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ. އަދި އީރާނުގެ ސަރުކާރާއި އަސްކަރީ ވެރިން "ނެތިކޮށްލާނެ"ކަމުގެ އިންޒާރު ވެސް އޭނާ ދީފައިވެއެވެ.

އިޒްރޭލުން އީރާނަށް ޙަމަލާ ދޭން އުޅޭކަމުގެ މަޢުލޫމާތެއް ނުލިބޭކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިޔަސް، އީރާނާ ދެކޮޅަށް މި ޢުދުވާނުތައް ހިންގަނީ އެމެރިކާއާ ގުޅިގެން ކަމަށް ނަތަންޔާހޫ ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު