ENGLISH
17 ޖޫން 2025
މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާފައެއް ނެތް: ރައީސް އޮފީސް
16 ޖޫން 2025
|
ފ. މަގޫދޫ --
ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިންމާފައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން އުޅޭ ކަމަށް ބުނެ އިދިކޮޅުގެ ވެރީން ދަނީ ދޮގު ވާހަކަތަކެއް ފަތުރަމުންނެވެ. މައުލޫމާތު ހޯދާ ލިބި ގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢާންމުންގެ މީހަކު ވަނީ ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ކެބިނެޓުން ނިންމާފައިވޭތޯ ސާފުކޮށް ދިނުމަށް އެދިފަ އެވެ.
އެ ސުވާލުގެ ޖަވާބު ހިއްސާކޮށް ރައީސް އޮފީހުން އެ މީހާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓައިލުމަށް ކެބިނެޓުން ނިންމާފައި ނުވާ ކަމަށެވެ.
ފ. ނިލަންދޫގައި އަޅަން ނިންމި އެއާޕޯޓު މަޝްރޫއު، އެ އަތޮޅު މަގޫދޫއަށް ބަދަލުކޮށް މަސައްކަތް ފެށީ ކުރީ ސަރުކާރުގަ އެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ނިންމުން ރަނގަޅު ނޫން ނަމަވެސް މަޝްރޫއު ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މަގޫދޫގައި ހިންގާ އެއާޕޯޓު މަޝްރޫއުގައި ލަސްތަކެއް އުޅޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މަޝްރޫއު މަގޫދޫގައި ހިންގަން މިދިޔަ ސަރުކާރުން ނިންމީ ވެސް ރަނގަޅަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ހަމައެއާއެކު ގަބޫލުކުރަން ކުރީގަ، އެންމެ ކުރީގަ، އަބަދުވެސް ނިލަންދޫގައި އަޅަން ކަނޑައެޅިފަ އޮތް ޕްރޮޖެކްޓެއް މަގޫދޫއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން. އެހެންވިމާ އެއާއެއްކޮށް ވެސް ސަރުކާރުން ޑިވެލޮޕްމެންޓަލް ޕްލޭނާ އެއްކޮށް ނިލަންދޫގައި އެއާޕޯޓެއް އަޅަންޖެހޭނެ." މިނިސްޓަރ ކުރީން ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ އަވަހަށް ފަށައިގަނެ ކުރިއަށް ގެންދާނެ ކަމަށެވެ. މިވަގުތު ޝޯ ޕްރޮޓެކްޝަން މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެ މަޝްރޫއު އަވަހަށް ނިންމައި ޚިދުމަތް ދޭން ފެށުން ކަމަށެވެ.
މަގޫދޫއާ ކައިރީގައި އޮންނަ ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަމުންދާއިރު އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ވާދަވެރިކަމެއް އުފެދިފަ އެވެ. ދެ އެއާޕޯޓު އެހާ ކައިރީގައި އަޅާތީ ރައްޔިތުންގެ ކަންބޮޑުވުން އޮތް އިރު، ދެ އެއާޕޯޓު ކައިރި ކައިރީ އޮތުމުން ވާނެ ގެއްލުމެއް ނެެތް ކަމަށާއި ނިލަންދޫގައި އެއާޕޯޓު އެޅުމަކީ އިންވެސްޓަރުން ބޭނުންވާ ގޮތް ކަމަށް ވަޒީރު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގޫދޫގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ވަނީ ނިންމާފަ އެވެ.