ENGLISH

02 ޖުލައި 2025

Advertisement

ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް އާ އެލަވަންސްތަކެއް ދޭން ހުށަހަޅައިފި

16 ޖޫން 2025

|

އުމްނާ އިސްމާޢީލް

އުއްތަމަ ފަނޑިޔާރު މުއޔތަސިމް އަދުނާން

ޝަރަފުވެރިކަމާ އެކު މަގާމުން މުސްކުޅިކުރައްވާ އުއްތަމަ ފަނޑިޔާރުންނަށް އިތުރު އެލަވަންސްތަކެއް ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް އިތުރު އެލަވަންސްތަކެއް ދިނުމަށްޓަކައި ޖޭއެސްސީން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދަނީ ބަލަމުން ނެވެ. މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ، ފަނޑިޔާރުންގެ ރިޓަޔާމެންޓް ގަވާއިދު އިސްލާހުކުރުމަށް ޖޭއެސްސީން ނިންމާފައިވާ ގޮތާ މެދު މަޝްވަރާކޮށްފަ އެވެ.

ޖޭއެސްސީން އެދިފައިވަނީ، ރިޓަޔާމެންޓް އެލަވަންސް ދިނުމުގައި ޚިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރުކަމަށް ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ކުރި މުއްދަތު ހިމެނުމަށެވެ. އަދި ފަނޑިޔާރުންނަށް ދަތުރުފަތުރުގެ އެލަވަންސް އާއި ލިވިން އެލަވަންސަށް މަހަކު 70،000 ރުފިޔާ ދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ.  

މި މައްސަލައާއި ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީ އަދި ޕޭ ކޮމިޝަންގެ ލަފައެއް މިކަމުގައި ހޯދުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމދު މަމްދޫހެވެެ. އޭނާ މިގޮތަށް ހުށަހެޅުއްވީ އެއީ ދައުލަތުން އިތުރަށް ކުރަންޖެހޭ ހަރަދަކަށްވާތީ އެވެ. އެ ހުށަހެޅުން ވަނީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ހުރިހާ މެެމްބަރުންގެ އަގުލަބިއްޔަތުން ލިބިވަޑައިގެންފަ އެވެ.

ޖޭއެސްސީން މިފަދަ އިސްލާހެއް ހުށަހަޅާފައިވަނީ، އުއްތަމަ ފަނޑިޔާރަކަށް ހުންނެވި މުއުތަސިމް އަދުނާން މަގާމުން މުސްކުޅި ކުރެއްވުމަށް ހުށަހަޅުއްވާފައިވަނިކޮށެވެ.

މަދުވެގެން 10 އަހަރުގެ ތަޖުރިބާއާއި އެކު އުމުރުން 55 އަހަރުގައި ރިޓަޔާކުރައްވާނަމަ ފަނޑިޔާރުންްނަށް ރިޓަޔާމެންޓް އެލަވަންސެއް މިހާރުވެސް ލިބެ އެވެ. އެހެންނަަމަވެސް އުއްތަމަ ފަނޑިޔާރ ރިޓަޔާކުރެއްވުމުން ވަކުން އިނާޔަތެއް ލިބިވަޑައިނުގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު