ENGLISH

16 ޖޫން 2025

Advertisement

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް ޒަމްއަތު އައްޔަނުކުރަން ރުހުންދީފި

16 ޖޫން 2025

|

އުމްނާ އިސްމާޢީލް

ކުރީގެ ނޫސްވެރިޔާ ޒަމްޢަތު އަހްމަދު ވަހީދު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރީގެ ނޫސްވެރިޔާ ޒަމްޢަތު އަހްމަދު ވަހީދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރު އައިމިނަތު އަމީނާގެ ދައުރު އިއްޔެ ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ކުރިމަތިލި އެވެ. އެ ހަ ބޭފުޅުންނާއި އިންޓަވިއުކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އޭގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވުމަށެވެ.

އެއީ ޒަމްއަތުގެ އިތުރުން ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުގެ އިތުރުން ނޫސްވެރިޔާ ޝިމްލާ އަހުމަދުގެ ނަމެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޒަމްއަތުގެ ނަމެވެ. އެހެންވެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވޯޓަށް އަހާފައިވަނީ އޭނާ އަށް ރުހުން ހޯދުމާއި މެދު އެވެ. ޒަމްއަތަށް ރުހުން ދިނުމަށް 56 މެމްބަރުން ވޯޓު ދެއްވިއިރު އެއްވެސް މެމްބަރަކު ދެކޮޅަށް ވޯޓު ދެއްވާފައެއް ނުވެއެވެ. އެހެންވެ ބާކީ ދެ ނަމަށް ވޯޓަށް އަހައިފައެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ޒަމްއަތަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުގައި ވެސް މަސައްކަތް ކުރައްވާފައިވާ ނޫސްވެރިއެކެވެ. ޒަމްއަތު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު