ENGLISH
16 ޖޫން 2025
ކައުންސިލަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ނިޒާމުގެ ޚަރަދުކުޑަކުރުމަށް ޤަރާރެއް ހުށަހަޅައިފި
16 ޖޫން 2025
|
ލާމަރުކަޒީ ނިޒާމުގެ ޚަރަދުތައް ކުޑަކުރުމަށް އަމާޒުކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރުމަށާއި، މި ނިޒާމަށް ކަނޑައެޅޭ ބަޖެޓު ކުޑަކުރުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ޤަރާރު ހުށަހެޅުއްވީ، ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. އޭނާ ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން މިވީ 15 އަހަރުގެ ތެރޭގައި، މި ޤާނޫނަށް 15 ފަހަރު އިޞްލާޙު ގެނެވި، ހަތަރު ކައުންސިލް އިންތިޚާބު ބޭއްވި، އަދި އެތައް ބިލިއަން ރުފިޔާއެއް މި ނިޒާމަށް ޚަރަދުކުރެވިފައިވެއެވެ. ނަމަވެސް، މި ނިޒާމުގެ ސަބަބުން އިދާރީ ހިންގުމަށް ނުވަތަ ރަށްތަކުގެ ތަރައްޤީއަށް ފާހަގަކުރެވޭފަދަ ކުރިއެރުމެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މެންބަރު ޝުޖާޢު ވިދާޅުވި ގޮތުގައި، މި ނިޒާމުގެ ސަބަބުން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް މަޤާމުތަކަށް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތެރިން އިންތިޚާބުވަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން، ބައެއް ފަހަރު އިދިކޮޅު ޕާޓީތަކުން އިންތިޚާބުވާ ކައުންސިލަރުން ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އާބާދީ ކުޑަ ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މަދުކުރުމާއި، ސިޓީތަކުގައި މިހާރު ތިބި އަދަދަށްވުރެ އިތުރުނުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށް ވިދާޅުވެފަވެއެވެ. މިގޮތުން، 3000 އަށްވުރެ އާބާދީ ކުޑަ ރަށްރަށުގައި ތިން ކައުންސިލަރުން ތިބޭގޮތަށް ހަމަޖެއްސުމަށް ވިސްނާވަޑައިގަންނަވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.