ENGLISH
16 ޖޫން 2025
އިންޖިނޭރުންނަކީ ހަމައެކަނި ޕްރޮޖެކްޓުތައް ތަރައްޤީކުރާ ބައެއް ނޫން، އެއީ ރައްޔިތުންގެ ދިރިއުޅުންވެސް ތަރައްގީކޮށްދޭ ބައެއް: ޗައިނާ ސަފީރު
16 ޖޫން 2025
|
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު--
އިންޖިނޭރުންނަކީ ހަމައެކަނި ޕްރޮޖެކްޓުތަކެއް ތަރައްޤީކުރާ ބައެއް ނޫން ކަމަށާއި، ނަމަވެސް އެއީ ރައްޔިތުންގެ ދިރިއުޅުމާއި، މުޖުތަމަޢުގެ ކުރިއެރުން ވެސް ތަރައްޤީކުރާ ބައެއް ކަމަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ހާމަކޮށް، ރައީސް އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓު ހިއްސާކުރެއްވުމަށްފަހު އެވެ.
ސަފީރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެ މަނިކުފާނު ކޮންމެ ދުވަހަކު ދެފަހަރު ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުރަސްކުރައްވާ ކަމަށާއި، ޗައިނާއާއި ރާއްޖޭގެ އިންޖިނޭރުން ގުޅިގެން އުފައްދާފައިވާ މި ފުރިހަމަ ބިނާގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި އިންޖިނޭރުންނަކީ ހަމައެކަނި ޕްރޮޖެކްޓުތަކެއް ތަރައްޤީކުރާ ބައެއް ނޫން ކަމަށާއި، ނަމަވެސް އެއީ ރައްޔިތުންގެ ދިރިއުޅުމާއި، މުޖުތަމަޢުގެ ކުރިއެރުންވެސް ތަރައްޤީކުރާ ބައެއް ކަމަށާއި، އެހެންކަމުން އެއީ އަހަރުމެންގެ ހިތުގެ އެންމެ ފުންމިނުން އިޙްތިރާމު އަދާކުރަން ޖެހޭނެ ބައެއް ކަމަށް ސަފީރު ވިދާޅުވެފައި ވެއެވެ.
އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވާކަން ރައީސް އޮފީހުން އިޢުލާނުކުރީ އިއްޔެއެވެ. މި ދުވަހަކީ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ކަނޑައެޅީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބުރިޖު އިފުތިތާހުކުރި ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ އާއި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.