ENGLISH

16 ޖޫން 2025

Advertisement

ވޭޕާ ގުޅުންހުރި މައްސަލަތަކުގައި މެއި މަހު 35 މީހަކު ޖޫރިމަނާކުރި

16 ޖޫން 2025

|

ޢަލީ ޝަހީމް

ފުލުހުންގެ އޮޕަރޭޝަނެއްގައި ހިފެހެއްޓި ވޭޕްގެ ވިޔަފާރިއެއް. ފޮޓޯ: ފުލުހުން

ޤާނޫނީ ގޮތުން ރާއްޖޭގައި ބޭނުންކުރުން މަނާ ވޭޕްގެ މައްސަލަތަކުގައި މިދިޔަ މެއި މަހު 35 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި ހިލޭ ބެހުން މަނާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުއެވެ.

  • ވޭޕް ގެންގުޅުމުގެ މައްސަލައިގައި 20 މީހަކު 67،000 ރުފިޔާއިން ޖޫރިމަނާކުރި. 
  • ވޭޕް ބޭނުންކުރުމުގެ މައްސަލައިގައި 13 މީހަކު 53،000 ރުފިޔާއިން ޖޫރިމަނާކުރި. 
  • ވޭޕާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި 2 މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކުރި. 

ވޭޕްގެ ޖޫރިމަނާ ކުރާ މީހުންނަށް ވާރު ޕޭގެ ޕޭމަންޓް ލިންކް މެދުވެރިކޮށް ޖޫރިމަނާ ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ފުލުހުން އެދުނީ ވޭޕާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިނުވެ، ޤާނޫނު ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމަށެވެ. 

ޤާނޫނީ ގޮތުން ރާއްޖޭގައި ވޭޕް މަނާކުރުމާއެކު ވޭޕާ ގުޅޭ މައްސަލަތަކުގައި ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅަައިފައެވެ. އެގޮތުން، ވޭޕް، ރާއްޖެ އެތެރެކޮށްފިނަމަ 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ އާލާތެއް އެތެރެކޮށްފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ވޭޕްގެ އާލާތްތައް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް އެއިން ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ. އަދި ވޭޕް ބޭނުންކުރާނަމަ 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާގޮތަށް އިޞްލާހުގައި ވަނީ ހިމަނައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު