ENGLISH
16 ޖޫން 2025
ޖެމްކިއު ސްކީމަކީ ބޮޑު އޮޅުވާލުމެއް، ބައިވެރިނުވާން އެދިއްޖެ
15 ޖޫން 2025
|
ޖީއެމްސީ ނުވަތަ ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަން ކަށަވަރު ވެފައިވާ ކަމަށާ އެހެން ކަމުން އެ ސްކީމްގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެކަމަށް އިލްތިމާސްކޮށް ނެރެނު ބަޔާނެއްގައި ބުނެފައި ވަނީ އިންވެސްޓްމަންޓް ސްކީމްތައް ހިންގަން ވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށް ހުއްދަ ނައިގެން ކަމަށެވެ.
އެހެން ނަމަވެސް ޖީއެމްސީ ނުވަތަ ޖެމްކިއު ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީ ކޮށްގެން ހުއްދަ ނަގައިގެން ހިންގާ ސްކީމެއް ނޫން ކަމަށާ އެއީ ޤާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބޭރު ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރި މަސައްކަތުން ޖީއެމްސީ ނުވަތަ ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަން ކަށަވަރު ވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މި ސްކީމްގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ޓެކްނޮލޮޖީއާއެކު ތަޢާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިވެންސްޓް ނުކުރުމަށް ސީއެމްޑީއާ ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މިފަދަ ސްކީމްތަކުގެ ސަބަބުން އެކި މީސްމީހުންނަށް އިޔާދަނުކުރެވޭވަރުގެ މާލީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާ އެހެން ކަމުން މިފަދަ ސްކީމްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ދެ މުއައްސަސާ ގުޅިގެން މި މައްސަލަ ގެންދަނީ ބޭރުގެ އެޖެންސީތަކުގެ އެހީގައި ތަހުޤީޤު ކުރަމުން ކަމަށާ އެހެން ކަމުން ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކޮށް އޭގައި ބައިވެރިވުމަށް މީހުން ހޯދާ މީހުންނަށް ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.