ENGLISH

02 ޖުލައި 2025

Advertisement

އެޗްޑީސީން ބަލަހައްޓާ ފުލެޓުތަކަށް ކުލި ނުދައްކާނަމަ ނޯޓިސް ފޮނުވަނީ

15 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ހުޅުމާލޭގެ ފުލެޓުތަކުގެ ތެރެއިން އެޗްޑީސީން ބަލަހައްޓާ ތަންތަނުގެ ތެރެއިން ކުލި ނުދައްކާ ފުލެޓުތަކަށް ނޯޓިސް ފޮނުވަން ފަށަައިފިއެވެ. 

އެޗްޑީސީގެ އޮފިޝަލަކު އެމްއެމްޓީވީއަށް ޔަގީންކޮށްދެއްވި ގޮތުގައި އެ ކުންފުނީގެ ފަރާތުން ފޮނުވަމުންދާ ނޯޓިހަކީ ކުލި ނުދައްކާ މީހުންނަށް ފޮނުވާ "ޕޭމެންޓް އެޑްވައިސް" ނޯޓިހެކެވެ. އެއީ ކޮންމެ ތިން މަހަކުން  ކުލި ދައްކަން ހަދާންކޮށްދީ ނަސޭހަތް ދިނުމަށް ފޮނުވާ ނޯޓިހެކެވެ. 

ހުޅުމާލޭގައި އެޗްޑީސީން ބަލަހައްޓާ 8،511 ފުލެޓުގެ ތެރެއިން ބަރާބަރަށް ކުލި ދައްކަމުންދަނީ 3،219 ފުލެޓަށެވެ. ބާކީ 5،099 ފުލެޓަށް ކުލި ނުދައްކައެވެ. 

އަދި އެޗްޑީސީން އޮންލައިން ނޫހަކާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު އެ ފުލެޓުތަކަށް ދައްކަންޖެހޭ ކުލީގެ ގޮތުގައި އެޗްޑީސީއަށް ލިބެންޖެހޭ ފައިސާގެ އަދަދު 700 މިލިއަނަށްވުރެ ގިނައެވެ. އަދި އެއިން ބައެއް ފުލެޓުތައް ހަވާލުކުރި ތާރީހުން ފެށިގެން މިއަދާ ހަމައަށް އެންމެ ފަހަރަކުވެސް ކުލި ދައްކާފައިނުވެއެވެ. ބައެއް ތަންތަނުގެ ކުލި ބައެއް މަސްމަހުގައި ދެއްކިޔަސް ގަވާއިދުން ކުލި ދައްކަމުންނުދެއެވެ. 

އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން އެޗްޑީސީން ދޫކުރާ ހައުސިން ޔުނިޓުތަކަށް ކުލި ނުދައްކާނަމަ އެތަންތަން އަތުލުމުގެ ހައްގު އެތަންތަން ދޫކުރުމުގެ އެއްބަސްވުންތަކުން އެޗްޑީސީއަށް ލިބިދީފައި އޮންނަ ނަމަވެސް މިހާތަނަށް ކުލި ނުދައްކައިގެން އެޗްޑީސީން ފުލެޓެއް އަތުލާފައއިނުވެއެވެ. 

މި ސަރުކާރުން މިހާރު އެކުލަވާލާފައިވާ ސޯޝަލް ހައުސިން ގާނޫނުގެ ދަށުން ކުލި ނުދައްކާނަމަ އެތަންތަން ގާނޫނުގެ ތެރެއިން އަތުލެވޭނެއެވެ. އަދި އެތަންތަނުގައި ދިރިއުޅުމުގެ ބަދަލުގައި ކުއްޔަށް ދޫކޮށްފި ނަމަވެސް ގަވާއިދުގެ ތެރެއިން އެތަންތަން އަތުލުމުގެ ބާރު ލިބޭނެއެވެ. 

އެޗްޑީސީން ދޫކޮށްފައިވާ ފުލެޓުތަކަށް ގިނަ ބަޔަކު ކުލި ނުދައްކާއިރު ސަރުކާރުންވަނީ ހުޅުމާލެއިން ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ސޯޝަލް ހައުސިން ޔުނިޓުތަކެއްގެ ކުއްޔަށް ލުއިތަކެއް ދީފައެވެ. އަދި ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ދެއްކުމުގައިވެސް ލުއިތައް ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު