ENGLISH
02 ޖުލައި 2025
ލޯނު ދެއްކުމުގެ ހަރަދު ނިމުނު އަހަރަށްވުރެ %167 މަތި، އަރަނި ބިލިއަން ރުފިޔާއިން މަތީގައި
15 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް
މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ދަރަނި އަަދާކުރުމަށް ބަޖެޓުން ހަރަދުކުރަންޖެހުނު ފައިސާ ނިމުނު އަހަރުގެ އެ މުއްދަތުގައި ދަރަނި އަދާކުރުމަށް ހަރަދުވި އަދަދަށްވުރެ 167 އިންސައްތަ އިތުރުވިއިރުވެސް ބަޖެޓުގެ އަރަނި ބިލިއަނަކަށްވުރެ މަތީގައި ހިފަހައްޓައިފިއެވެ.
މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު އެއްފަހަރު އާއްމުކުރާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖޫން ފަސްވަނަ ދުވަހުގެ ނިޔަލަށް 16.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ހަރަދުވެފައިވަނީ 15.5 ބިލިއަން ރުފިޔާއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ ބިލިއަނެއްހައި ރުފިޔާ އިތުރުވިއިރު ނިމުނު އަހަރަށްވުރެ މި އަހަރު ހަރަދުތައް 4.4 ބިލިއަން ރުފިޔާ ދަށްކުރެވިފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން އަހަރުގެ މިހާތަނަށް އައިއިރު ދައުލަތުގެ ބަޖެޓު ޑެފިސިޓުވެފައި ނުވެއެވެ. މާނައަކީ ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ދައުލަތުގެ ހަރަދު އިތުރުނުވެ އަރަނިވެފައިވުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 1.09 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުވަނީ 4.2 ބިލިއަން ރުފިޔާއިން ޑެފިސިޓުވެ ދަރަނިވެރިވެފައެވެ.
ބަޖެޓު އަރަނިވިއިރު ކުރީ ސަރުކާރުތަކުގެ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހަރަދު މި މުއްދަތުގައި ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި އަހަރު ދަރަނި އަދާކުރުމަށް 2.99 ބިލިއަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ހަރަދުވިއިރު ނިމުނު އަހަރުގެ އެ މުއްދަތުގައި ދަރަނި އަދާކުރުމަށް ހަރަދުވީ 1.1 ބިލިއަން ރުފިޔާއެވެ.
ދަރަނި އަދާކުރުމަށް ހޭދަވި މިންވަރު ޖުމްލަ ހަރަދުން އުނިކުރުމުން ޕްރައިމަރީ ސާޕްލަސް ނުވަތަ އަސާސީ އަރަނި 3.1 ބިލިއަން ރުފިޔާއަށް އަރައެވެ. ފާއިތުވި އަހަރު ދަރަނި އަދާކުރުމަށް ހަރަދުކުރި 1.1 ބިލިއަން ރުފިޔާ އެ އަހަރުގެ ޖުމްލަ ހަރަދުން އުނިކުރުމުންވެސް 3.8 ބިލިއަން ރުފިޔާ އަސާސީ ދަރަންޏަށް ނުވަތަ ޕްރައިމަރީ ޑެފިސިޓަށް އަރައެވެ.
ރެކޯޑު މިންވަރަކަށް ދައުލަތުން ދަރަނި އަދާކުރުމަށް ކުރާ ހަރަދުތައް އިތުރުވި ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަަބުން ބަޖެޓު ޑެފިސިޓުނުވެ އަރަނިވެފައިވާތީ މި އަހަރު ނިމޭއިރު ކުރިން އަންދާޒާކުރި މިންވަރަށްވުރެ ޑެފިސިޓު ނުވަތަ ބަޖެޓުގެ ދަރަނި ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ބަޖެޓުގެ ޑެފިސިޓު ބޮޑުވުންކަމަށްވާއިރު ސަރުކާރުން އަޅަމުންދާ ހަރުދަނާ މާލީ ފިޔަވަޅުތަކާއެކު ބަޖެޓުގެ ޑެފިސިޓު ކުޑަކުރެވުމަކީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރޭޓިން އިތުރަށް ދަށްނުކުރަން ނިންމި އެއް ސަބަބެވެ.