ENGLISH
02 ޖުލައި 2025
މަޖީދީ މަގުގައި ޕާކުކޮށްފައި ހުރި 74 އުޅަނދެއް ޓޯ ކޮށްފި
15 ޖޫން 2025
|
މަޖީދީ މަގުގައި އުޅަނދުތައް ދުއްވަނީ، ފޮޓޯ: ދެން
މަޖީދީ މަގުގައި ޕާކުކޮށްފައި ހުރި 74 އުޅަނދެއް ދިވެހި ފުލުހުންގެ ހިދުމަތުން ޓޯ ކޮށްފައިވާކަން އެ ހިދުމަތުން ހާމަކޮށްފިއެވެ.
ފާއިތުވި ބުރާސްފަތި ދުވަހު ފުލުހުންވަނީ މަޖީދީ މަގުގައި އާއްމު ދަތުރުފަތުރަށް އުދަގޫވާނެހެން ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރު ޓޯ ކުރުމުގެ މަސައްކަތް ފަށާފައެވެ.
ފުލުހުން މިއަދު މީޑިޔާއަށް މަައުލޫމާތު ދެމުން ބުނެފައިވަނީ އެ ހިދުމަތުން މަޖީދީ މަގުގައި ގަވާއިދާ ހިލާފަށް އާއްމު ދަތުރުފަތުރަށް ދަތިވާނެހެން ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރު ޓޯކުރަން ފެށިފަހުން ދެ ފުރޮޅުލީ 69 އުޅަނދަކާއި ހަތަރު ފުރޮޅުލީ ހަތަރު އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުން މިފަދައިން ޓޯ ކުރާ އުޅަނދު ފަހަރު އޭގެ ވެރިންނަށް އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުންނެވެ.
މާލޭގައި އަބަދުވެސް އެންމެ ތޮއްޖެހުން ބޮޑު މަގުކަމަށްވާ މަޖީދީ މަގަކީ ގިނަ އަދަދެއްގެ ފިހާރަތައް އެ މަގެއްގައި ހުންނަ މަގެކެވެ. އެ މަގުގެ ދެ ފަޅީގައި ޕާކުކުރުމުގެ ސަބަބުން މަގުތަކުގައި ދަތުރުފަތުރުކުރުމަށް ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.
އެންމެ ފަހުން މަޖީދީ މަގު މަރާމާތުކުރީ 2022 ވަނަ އަހަރުއެވެ. އެ އަހަރު މަގު މަރާމާތުކުރުމަށްފަހު މަގުގެ ދެ ފަޅީގައި ޕާކުކުރުން މަނާކުރި ނަމަވެސް އެ މަގުގެ ދެ ފަޅީގައި ޕާކުކުރުމަކީ ވަރަށް އާއްމުކަމެކެވެ.