ENGLISH
02 ޖުލައި 2025
ކަސްޓަމްސްގެ ނަމުގައި ވެސް ސްކޭމްތަކެއް ހިންގަނީ، ސަމާލުވާން އެދިއްޖެ
15 ޖޫން 2025
|
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަމުގައި ވެސް ސްކޭމްތައް ހިންގާތީ އާއްމުން ސަމާލުވުމަށް އެ އިދާރާއިން އެދިއްޖެއެވެ.
ކަސްޓަމްސް ސަރވިސްއިން އިއްޔެ އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކަސްޓަމްސްގެ ނަމުގައި ސައްޙަ ނޫން މެސެޖުތަކެއް ދައުރުކުރަމުން ދާކަމަށެވެ.
އެ އިދާރާއިން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށެވެ. އެފަދަ ލިންކުތަކަށް ސަމާލުވުމަށާއި، އެގޮތަށް ދައުރުކުރަނީ ސައްޙަނޫން މެސެޖުތައް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ކަސްޓަމްސްގެ ނަމުގައި ދައުރުކުރަމުންދާ މެސެޖުގައި ބުނަނީ، ކޮށްފައިވާ އޯޑަރ ހޯދުމަށް އިތުރަށް ފައިސާ ދެއްކުމަށެވެ. އެ ލިންކަށް ފިތުމުން ސްކޭމްގެ އަމަލުތައް ދަނީ ހިންގަމުންނެވެ. އަދި، ގިނަ ބަޔަކަށް ފައިސާ ގެއްލުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދާ މިންވަރު އިތުރުވެފައިވާއިރު ހަމައެކަނި ފާއިތުވި އީދު ބަންދުގައިވެސް 270،000 ރުފިޔާ އޮޅުވާލައިގެން މީހުން އަތުން ހޯދި މައްސަލަތައް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކޮށްފައިވެއެވެ. އެ ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ އެންމެ 75،776 ރުފިޔާކަން އެ ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސްކޭމުތަކުން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތަކާ ގުޅިގެން ހޭލުންތެރިކަން އުފެއްދުމަށް އެންޓި ސްކޭމް ސެންޓަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.