ENGLISH
02 ޖުލައި 2025
ކަރެކްޝަންސް އޮފިސަރުންނަށް މިނިސްޓަރުގެ ތާރީފު؛ މަދުން ނޫނީ މައްސަލައެއް މެދުވެރިނުވޭ
15 ޖޫން 2025
|
ކަަރެކްޝަން އޮފިސަރުންގެ ތަމްރީނު ފުރިހަމަކުރި ދަސްވެނިންނާ މުހާތަބުކުރައްވައި މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ، ފޮޓޯ: ކަރެކްޝަންސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަަކީ ވަރަަށް ޒިންމާދާރުކަމާއެކު ބުރަ މަސައްކަތެއް ކުރަމުންދާ ބައެއްކަން ފާހަގަކުރައްވައި ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާނު ޖަލު އޮފިސަރުންނަށް ތާރީފުކުރައްވައިފިއެވެ.
ކަރެކްޝަނަލް އޮފިސާސް ޓްރެއިން ޕްރޮގުރާމުގެ ބައިވެރިން ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާނު ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ހިންގުން ހަރުދަނާވަމުން އަންނަނީ އެތަނުގައި މަސައްކަތްކުރާ ވަރަށް ގިނަ އޮފިސަރުންގެ ބުރަ މަސައްކަތާއި ހިންމަތުން ކަމުގައެވެ.
އިތުރަށް މިނިސްޓަރު ފާހަގަކުރެއްވީ ޖަލުތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ މިންވަރަށް އައު އޮފިސަރުން ވަޒީފާއަށް ނުނެގުނު ނަމަވެސް އެ މުއައްސަސާގައި މިހާރު ތިއްބެވި އޮފިސަރުން ވަޒީފާގައި ވަރަށް ގިނަ ވަގުތު ހޭދަކުރައްވައިގެން ގިނަ ހިދުމަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.
ޖަލު އޮފިސަރުންނަކީ ހީވާގިކަމާއެކު ބުރަ މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވަމުން އިހުސާނުވަނީ ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ ވަރަަށް ގިނަ ގައުމުތަކުގެ ޖަލުތަކާ ބަލާއިރު ފެންވަރު ރަނގަޅު ތަންތަން ކަަމަށް ވިދާޅުވެފައެވެ.
މިހާތަނަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ މައްސަލަތައް ފެންމަތިވެފައިވަނީ ވަރަށް މަދުންކަން ފާހަގަކުރައްވައި އިހުސާނު ވިދާޅުވީ އެކަމުން ފެންނަނީ އޮފިސަރުންގެ އިހުލާސްތެރިކަން ކަމަށެވެ.
މިނިސްޓަރު އިހުސާނުގެ އިތުރަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހީމް މުހައްމަދު ދީދީ އަދި ޖަލުތަކުގެ ޑައިރެކްޓަރުންނާ ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ޖަލުތަކުގެ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގުރާމު ފުރިހަމަކުރި ދަސްވެނިންނަށް ހުވާލައި ދެއްވީ މާފުށީ ކޯޓުގެ ފަނޑިޔާރު ޖިނާން އިބްރާހީމް ލަތީފެވެ.