ENGLISH

02 ޖުލައި 2025

Advertisement

ސްކޭމުތަކާ ދެކޮޅު އޮޕަރޭޝަން ފްރޮންޓިއަރ+ ؛ އެންމެ މަތީ ރިކަވަރީ ރޭޓާއެކު ރާއްޖެއަށް ކާމިޔާބެއް

15 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގުނު ފުރަތަމަ ފްރޮންޓިއަރ+ އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެ، އެ އޮޕަރޭޝަނުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން އެންމެ މަތީ މިންވަރުގެ ރިކަވަރީ ރޭޓާއެކު ރާއްޖެއަށް ބޮޑު ކާމިޔާބެއް ހާސިލުކުރެވިއްޖެއެވެ. 

މި އޮޕަރޭޝަނަކީ ގިނަ ޤައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް 28 އިން މެއި 28 އަށް ހިންގުނު މި އޮޕަރޭޝަންގައި 7 ޤައުމަކުން ބައިވެރިވެ، ބައިނަލްއަޤްވާމީ ފެންވަރުގެ ސްކޭމުތަކާ ދެކޮޅަށް މަސައްކަތްކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު (އެންޓި-ސްކޭމް ސެންޓަރުގެ ވެރިޔާ) އަދި، އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުޙައްމަދު (ސްކޭމް އިންވެސްޓިގޭޝަންގެ ވެރިޔާ)އެވެ.

ފްރޮންޓިއަރ+ ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމާއެކު އުފެދިފައިވާ ވިއުގައެކެވެ. މިހާރު މި ނެޓްވޯކްގައި ހިމެނެނީ ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގ، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ދިވެހިރާއްޖެއެވެ.

މި ނެޓްވޯކްގެ މަޤްޞަދަކީ:

  • ފަނޭންޝިއަލް ސްކޭމްތަކާ ދެކޮޅަށް ޤައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުން
  • އިންޓެލިޖެންސް މަޢުލޫމާތު ހިއްސާކުރުން
  • ސްކޭމްތަށް ހުއްޓުވުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ އޮނިގަނޑެއް ޤާއިމުކުރުން

މި އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ. މީގެއިތުރުން، އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވެއެވެ.

މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށްވާއިރު، މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ.

މި އޮޕަރޭޝަނުން ފާހަގަކުރެވުނު މުހިންމު ނުކުތާތައް:

  • ބައިނަލްއަޤްވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން
  • ކުރިއަށް އޮތްތަނުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން
  • ބައިވެރިވި ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވި، ކުރިއަށް އޮތްތަނުގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުން

މި ފަދަ ބައިނަލްއަޤްވާމީ އޮޕަރޭޝަނެއްގައި ދިވެހިރާއްޖެއިން ބައިވެރިވެ، ކާމިޔާބީ ހޯދުމަކީ ޤައުމުގެ ސަލާމަތީ ބާރުތަކުގެ ޤާބިލުކަން އިތުރުވެ، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވެގެންދާކަމުގެ ހެއްކެކެވެ.

މީގެ ސަބަބުން، ދިވެހިރާއްޖޭގައި ހިނގާ ސްކޭމްގެ ހުއްޓުވުމަށާއި، ރާއްޖޭގެ މާލީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު