ENGLISH
02 ޖުލައި 2025
ރައްޔިތުން ދިނީ ފަސް އަހަރުގެ ދައުރެކެވެ. ދޮޅު އަހަރެއް ނޫނެވެ.
15 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން. ރައްޔިތުންގެ ޙާލަތު ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެ ގެންދަނީ ކުރައްވަމުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް އަމާޒުކުރާ ފާޑުކިޔުމަކީ ވައުދުތައް ނުފުއްދޭ ވާހަކަ އެވެ. މަޝްރޫއުތައް ނުހިންގޭ ވާހަކަ އެވެ. ރައްޔިތުންގެ އުންމީދުތަކުގައި ކުލަނުޖެއްސޭ ވާހަކަ އެވެ. އެކަމަކު ކަން އޮތީ އެހެންތޯ އެވެ. ސަރުކާރަށް ދޮޅު އަހަރު ވީއިރު ބޮޑު ހަމަ އެންމެ ވައުދެއްވެސް ނުފުއްދެނީތޯ އެވެ. ބިޔަ އެންމެ މަޝްރޫއެއްވެސް ނުހިނގަނީ ތޯއެވެ. ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމަކަށް ލުޔެއް ހޯއްދަވައި ނުދެއްވައި ރައީސް ޑރ. މުއިއްޒު ހަމަ ހުންނެވީތޯ އެވެ. އެ ހުރިހާ ކަމެއް ފުރިހަމަކުރަން ރައްޔިތުން ދިނީ ހަމަ އެންމެ ދޮޅު އަހަރު ތޯ އެވެ.
ހަގީގަތަކީ އެއެއް ނޫނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި މުހިންމު ބައެއް ވައުދުތައް މިހާރުވެސް ވަނީ ފުއްދަވައިދެއްވާފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެކަމަށް ވެވަޑައިގެންނެވި ވައުދެވެ. އެންމެ ގިނަ ރައްޔިތުން ރައީސް ޑރ. މުއިއްޒަށް ވޯޓްދެއްވީ އެކަން އެ މަނިކުފާނު ކޮށްދެއްވާނެ ކަމުގެ އުންމީދުގަ އެވެ. އެކަން ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު ނުނިމެނީސް ވަނީ ކުރައްވައިފަ އެވެ. ދޫ އޮތިއްޔާ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ އެވެ. ޔުނީފޯމޭ ކުރީގެ އަސްކަރިއްޔާއޭ، ހެލިކޮޕްޓަރު އުފައްދާ ކުންފުންޏޭ ވެސް ކިއިދާނެ އެވެ. އެކަމަކު ހަގީގަތަކީ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާ ބޯޓް ދުއްވަން ކުރިން ތިބި އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މި ގައުމުން ފައިބައިފި ކަމެވެ. ގަބޫލުކުރަން ކިތަންމެ ބޭނުން ނުވިޔަސް އެކަން ރައީސް ޑރ. މުއިއްޒު އެވަނީ ކުރައްވާފަ އެވެ. އެ މީހުންގެ ބަދަލުގައި މިހާރު ތިބީ އިންޑިއާގެ މަދަނީ މީހުންކަމެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން. އިންޑިއާ ސިފައިން ބާލާނެކަމަށް ވިދާޅުވި ވައުދު ވަނީ ފުއްދަވާފައި. ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ މާޗް މަހު މުޅިން އަލަށް ތައާރަފްކުރި އެއާ އެމްބިއުލަންސްގެ ހިދުމަތަކީ ވެސް ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އިމަޖެންސީ ހާލަތުގައި މާލެ ގެންނަންޖެހޭ ބަލި މީހުން ވައިގެ މަގުން އުފުލުމުގައި މި ސަރުކާރު އައުމުގެ ކުރިން ބަރޯސާވެފައި އޮތީ އިންޑިއާ ސިފައިން އޭރު ދުއްވަމުން އައި އުޅަނދުތަކަށެވެ. އެކަމަކު ރައީސް ޑރ. މުއިއްޒު އެކަން އެގޮތަށް ކުރައްވަން ބޭނުންފުޅެއް ނުވި. އެމަނިކުފާނު ގަބޫލުފުޅުކުރެއްވި ހަމައަކީ ދިވެހި ރައްޔިތަކު ބަލިވެގެން ވައިގެ މަގުން މާލެ ގެނެވޭނެ އެ ހަކަތަ ދިވެހި ސަރުކާރުގައި ހުންނަންޖެހޭނެ ކަމެވެ. އަނެއްކޮޅުން ރާއްޖެ ގެނެސްފައި ހުރި އިންޑިއާގެ އަސްކަރީ ވައިގެ އުޅަނދުތަކަށް ބަރޯސާވުން ކުޑަކުރެވޭނެ އެއް ގޮތަކީ ވެސް އެއީކަމަށް ރައީސް ޑރ. މުޢިއްޒު ދެކެވަޑައިގަތެވެ.
އެއާ އެމްބިއުލާންސް ޚިދުމަތަށް ބޭނުންކުރާ ސީޕްލޭނެއް
އެއާ އެމްބިއުލަންސްގެ ހިދުމަތް ފަށައިގެން ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް ހާހަކަށްވުރެ ގިނަ ބަލި މީހުން ވަނީ އުފުލައިފަ އެވެ. މިއީ ކުއްލި ހާލަތުގައި އަވަސް ފަރުވާ ފޯރުކޮށްދިނުމަށް މިދިޔަ އެއްވެސް ސަރުކާރަކުން ނުކުރާ ވަރުގެ އަގުހުރި މަސައްކަތެކެވެ.
ދެން އޮތީ މަސްވެރިންނަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދުގެ ވާހަކަ އެވެ. މި ސަރުކާރު އައިއިރު މިފްކޯއިން މަސް ކިލޯއެއް ގަންނަމުން އައީ 25 ރުފިޔާއަށެވެ. އެކަމަކު އެއީ މިފްކޯ އޭރު އޮތް ހާލަތަށް ބަލާއިރު ނުހިފެހެއްޓޭނެ އަގެއްކަން ބާރަ އަހަރު ނުފުރޭ ކުޑަކުއްޖަކަށް ވެސް ވިސްނޭނެ އެވެ. އެއާއެކު ވެސް ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި އެ އަގުގައި މަސް ގަންނާނެ ކަމަށް ރައީސް ޑރ. މުއިއްޒަށް ވެސް ކެޕްޕޭންތެރޭގައި ވިދާޅުވެވެން އޮތެވެ. އެކަމަކު ރައްޔިތުންނަށް އޮޅުވާލައްވައިގެން ވެރިކަން ހޯއްދެވުމުގެ ވިސްނުމެއް އޭރުވެސް ރައީސްގެ ނެތެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ވައުދުވެވަޑައިގަތީ 20 ރުފިޔާއަށް މަސް ކިލޯއެއް ގަތުމަށާއި މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާދޭށެވެ.
އެމްޑީޕީ ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އޮތުމާއެކު މަސްވެރިންނަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެވެޑައިގެންނެވި. ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު މަސްވެރިންގެ ޝަކުވާތައް އޮތީ ފުނިޖެހިފަ އެވެ. އެހުރިހާ ކަމަކަށް ކެތްތެރިވެވަޑައިގެން އެ މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތުގައި ރައީސް ކުރިއަށް ވަޑައިގެންނެވި އެވެ. ނަތީޖާއަކަށްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މަސްވެރިން މިފްކޯއަށް ކިރުވި ހުރިހާ މަހަކަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހަމަޖެހިގެން ދިޔުމެވެ. އެއާއެކު އެތައް އަހަރެއް ވަންދެން މަސްވެރިން ކުރަމުން އައި އެންމެ ބޮޑު އެއް ޝަކުވާއަށް ނިމުން އައެވެ.
ނުވާނެއޭ ނުދެވޭނެއޭ ކިޔަކިޔާ ތިއްބާ ރައީސް ޑރ. މުއިއްޒު އެކަން ކުރައްވައި ނިންމަވައިފި އެވެ. އެއްވެސް މައްސަލައެއް ދިމާނުވެ ހަ މަސް ވޭތުވެގެންވެސް ހިނގައްޖެ އެވެ. އަހަރުގެ ތެރޭގައި އަންނަ މަސްވެރިކަން އެންމެ ތިޔާގި ދުވަސްވަރުވެސް އައިސް ހިނގައްޖެ އެވެ. މަސް ނުކިރިގެން މަސްތައް އުކާލަންޖެހުނު ވާހަކައެއް މިފަހަރު އަމުދުން ނުވެސް އިވެއެވެ.
ރައީސް ކެޔޮޅުންނާއި ބައްދަލުކުރެއްވުން. މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވީ ރައީސް ޑރ. މުޢިއްޒު
ދެން އެވާހަކަ ބާއްވާފައި ގެދޮރުވެރިކަމުގެ ވައުދަށް ޖެހިލާނަމެވެ. އެއީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދެވެ. އެ ވައުދު އެއްކޮށް ފުރިހަމަކުރަން ރައީސަށް ތިން އަހަރަށްވުރެ ގިނަ ދުވަސް އަދިވެސް އެބައޮތެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެކަމުގެ ވައުދާއެކު 2018 ވަނަ އަހަރު ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުން އެ ވައުދު ފުއްދުމަށްޓަކައި ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަން ފެށީ ރިޔާސީ އިންތިހާބަށް އަށެއްކަ މަސް ދުވަސް އޮއްވައެވެ. އެކަމަކު ރައީސް ޑރ. މުއިއްޒު ވަނީ ގެދޮރުވެރިކަމުގެ ވައުދު ފުއްދުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ޖެހިގެން އައި ފުރަތަމަ މަހުގެ ތެރޭގައި ފަށްޓަވާއިފައެވެ. ރައީސް ޑރ. މުއިއްޒު ތަފާތުވާ ހިސާބަކީ އެއީ އެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށްޓަކައި އެމަނިކުފާނު މަސައްކަތްކުރައްވަނީ އިހުލާސްތެރިކަމާއެކު އެވެ. ކުރިމަތީގައި އިންތިހާބެއް އޮތްތޯ އެމަނިކުފާނު ނުބައްލަވައެވެ.
ސަރުކާރުންވެސް އަދި ހުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް އެއްބަސްވެވަޑައިގަންނަވާ އެއް ކަމެއް އެބައޮތެވެ. ވައުދުތައް ފުއްދެވުމުގައި ގިނަ ގޮންޖެހުންތައް ހުރިކަން އެއީ ހަގީގަތެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ފައިސާ ލިބުމުގައި ހުރި ހުރަސްތައް ގިނަކަމެވެ. ރާއްޖެއަށް މިހާރު ލިބިފައި އޮތް ދަށް ކްރެޑިޓް ރޭޓިންއާއެކު މާލީ ބޮޑެތި އިދާރާތަކުންނާއި، ދުނިޔޭގެ އެކި ގައުމުތަކުން ލޯނު ހޯދުމުގައި އޮތް އެންމެ ބޮޑު ހުރަހެވެ. އެކަމަކު މީގެ ހައެއްކަ އަހަރު ކުރިން ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން މޫޑީސް އާއި ފިޗް ފަދަ ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން ދިން ގައުމެއް، 2023 ވަނަ އަހަރާ ހަމައަށް އައިއިރު ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ގައުމަކަށް ބަދަލުވީ ކޮން ބަޔަކު ވީ އިހުމާލަކުންތޯ އެވެ. ގައުމުގެ އުފެއްދުންތެރިކަން މަތިކުރަން މަސައްކަތް ނުކޮށް ދަރަނި މައްޗަށް ނެގި ދަރަންޏާއެކު މިއިން ޒަމާނަކު ނުވެއްޓޭ ވަރުގެ އިގްތިސޯދީ އަނދަވަޅަކަށް ގައުމު ވެއްޓުމުގެ ޒިންމާ ނަގަންޖެހެނީ ރައީސް ޑރ. މުއިއްޒު ތޯ އެވެ.
މުލީ އެއާޕޯޓް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
މި އުނދަގޫ ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ރައީސް މުއިއްޒު އެ ވަޑައިގަންނަވަނީ ސާބިތު ކަމާއެކު ކުރިއަށެވެ. ފައިސާ ޗާޕްކުރުމާއި، ނުކަތާ ވަރަށް ދަރަނި ނެންގެވުން ފަދަ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމަށް މެދުވެރި ހުރިހާ ސަބަބަކާ އެމަނިކުފާނު އެވަނީ ފެއަށް ޖެހިވަޑައިގެންފަ އެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ޑޮލަރުގެ ރިޒާވް އިތުރުކުރުމާއި، އިގްތިސޯދު ސިންދަފާތުކުރުމަށް ބޮޑު އިސްކަމެއް ރައީސް މުއިއްޒު ދެއްވެވިއެވެ. އެ މަސައްކަތުގެ ތެރެއިން އެހެންވެސް ރައީސަކަށް އަޅުއްވަން ކެރިވަޑައިނުގަތް ހިތްވަރުގަދަ އެތައް ފިޔަވަޅެއް ރައީސް މުއިއްޒު ވަނީ އަޅުއްވާފަ އެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން އިތުރަށް ދަށް ނުވެ މިއަހަރު ހިފެހެއްޓުނު އެއް ސަބަބަކީ ވެސް އެއީ އެވެ. އިގްތިސޯދާ މެދު ނުވިސްނައި ހެސް ކިޔާފައި މަޝްރޫއުތައް ހިންގަންވެސް ރައީސް ޑރ. މުއިއްޒުއަށް ވެސް އެބައޮތެވެ. އެކަމަކު އޭރުން ގައުމު ވެއްޓޭނީ އަދި މާ ފުން އަދަވަޅަކަށްކަން ގަބޫލުފުޅުކުރައްވާށެވެ.