ENGLISH
02 ޖުލައި 2025
އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޒަކާތު ހައުސް އިން ފަގީރުންގެ ބޭސްފަރުވާއަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ
14 ޖޫން 2025
|
މޯލްޑިވްސް ޒަކާތު ހައުސް އިފްތިތާހު ކުރުން - ފޮޓޯ: ރައީސް އޮފީސް
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޒަކާތު ހައުސް އިން ފަގީރުންނާ މިސްކީނުންނަށް ބޭސްފަރުވާގެ ގޮތުގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމަޖައްސާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ފަގީރުންނާ މިސްކީނުންގެ ބޭސްފަރުވާއަށް އެހީގެ ގޮތުގައި ޖެނުއަރީ މަހު ޚަރަދު ކޮށްފައިވަނީ 761,287.50 (ހަތް ލައްކަ ފަސްދޮޅަސް އެއް ހާސް ދުއިސައްތަ އަށްޑިހަ ހަތެއް) ރުފިޔާއެވެ. އޭގެއިތުރުން ފެބްރުއަރީ މަހު 759,128.00 (ހަތް ލައްކަ ފަންސާސް ނުވަ ހާސް ސަތޭކަ އަށާވީސް) ޚަރަދު ކޮށްފައިވާއިރު، މާޗު މަހު 847,278.50 (އަށް ލައްކަ ސާޅިސް ހަތް ހާސް ދުއިސައްތަ ހަތްދިހަ އަށެއް) ރުފިޔާގެ އަދި އޭޕްރީލް މަހު 1,142,696.29 (އެއް މިލިއަން އެއް ލައްކަ ސާޅިީސް ދެ ހާސް ހަ ސަތޭކަ ނުވަދިހަ ހައެއް) ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މިއާއެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަގީރުންގެ ބޭސްފަރުވާއަށް އެހީގެ ގޮތުގައި ޚަރަދު ކުރި ޖުމްލަ އަގު ވަނީ ދެ މިލިއަނަށް ވުރެ އިތުރުވެފައެވެ.
މިއަހަރުގެ ޖެނުއަރީ މަހު ޒަކާތު ހައުސްއިން ބޭސްފަރުވާއަށް އެހީ ދޫކޮށްފައިވަނީ 102 މީހުންނަށެވެ. ފެބްރުއަރީ މަހު 89 މީހުންނަށް އެހީ ދީފައިވާއިރު މާޗު މަހު އެހީ ދީފައިވަނީ 68 މީހުންނަށެވެ. ފުރަތަމަ ކުއާޓަރުގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް އެހީދިން އޭޕްރީލް މަހު ވަނީ 111 މީހަކަށް އެހީ ދޫކޮށްފައެވެ.
ޒަކާތު ހައުސްއިން ބޭސްފަރުވާގެ އެހީ ދީފައިވާ ބަލިތަކަށް ބަލާއިރު ކެންސަރާ ކިޑްނީގެ ބަލިތައް، ހިތުގެ ބަލިތައް، ޓްރާންސްޕްލާންޓު އަދި ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމަށް އެހީދީފައިވެއެވެ. މީގެ އިތުރުން ވެސް އެހެނިހެން ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ގިނަ އަދަދެއްގެ ފައިސާ އެހީގެ ގޮތުގައި ވަނީ ޚަރަދުކޮށްފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުއައްސަސާއަކަށް މުސްތަޤުބަލުގައި ވެގެންދާނެކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާ އެކު އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ހައުސްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ.