ENGLISH
02 ޖުލައި 2025
ސިމް ކާޑުން ކުރާ މުއާމަލާތްތަަކުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
14 ޖޫން 2025
|
ސިމް ކާޑު ބޭނުންކޮށްގެން ހިންގާ ސްކޭމުތައް އަންނަނީ އިތުރުވަމުން
އެކި ބާވަތުގެ ސްކޭމުތައް އިތުރުވަމުންދާ މިދުވަސްވަރު ސިމް ކާޑުން ކުރާ މުއާމަލާތްތަކާމެދު ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
މިފަދައިން އެ ސެންޓަރުން އިލްތިމާސްކުރީ ސިމް ކާޑު ބޭނުންކޮށްގެން މީހުންނަށް ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ ނަމުގައި މެސެޖުކޮށް އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވަނިކޮށެވެ.
އެންޓި ސްކޭމް ސެންޓަރުން މީސްމީޑިޔާ މަންސަތަކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމީހެއްގެ އަމިއްލަ ނަމުގައި ނަގާފައިވާ ސިމް ކާޑުން ކުރާ މުއާމަލާތްތަކުގެ ޒިންމާ ނަގަންޖެހޭނީ އެމީހަކު ކަމަށެވެ.
އަދި އަމިއްލަ ނަމުގައި ނަގާފައިވާ ސިމް ކާޑެއް އެމީހެއްގެ ބެލުމުގެ ދަށުގައި ނެތްނަމަ އެ ސިމް ކާޑެއްގެ ހިދުމަތް ކަނޑައިލުމަށް އެ ސެންޓަރުން އެދިފައިވެއެވެ.
އޭގެ އިތުރަށް ކޮންމެ މީހަކުވެސް މުއާމަލާތްތަކުގައި ބޭނުންކުރާ ސިމް ކާޑަކީ އެމީހެއްގެ އަމިއްލަ ނަމުގައި ނަގާފައިވާ ސިމް ކާޑެއްކަން ކަށަވަރުކުރުމަށްވެސް އެ ސެންޓަރުން އިލްތިމާސްކޮށްފައިވެއެވެ.
މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދާ މިންވަރު އިތުރުވެފައިވާއިރު ހަމައެކަނި ފާއިތުވި އީދު ބަންދުގައިވެސް 270،000 ރުފިޔާ އޮޅުވާލައިގެން މީހުން އަތުން ހޯދި މައްސަލަތައް އެ ސެންޓަރަށް ރިޕޯޓުކޮށްފައިވެއެވެ. އެ ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ އެންމެ 75،776 ރުފިޔާކަން އެ ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސްކޭމުތަކުން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތަކާ ގުޅިގެން ހޭލުންތެރިކަން އުފެއްދުމަށް އެންޓި ސްކޭމް ސެންޓަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.