ENGLISH

02 ޖުލައި 2025

Advertisement

ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރަން ހިނގާލުމެއް ބާއްވައިފި

14 ޖޫން 2025

|

ޝިފްޒާން އަޙްމަދު

މިއަދުގެ ހިނގައިލުމުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށާއި ލޭ ހަދިޔާކުރާ މީހުންގެ އަގު ވަޒަންކުރުމަށް ހާއްސަ ހިނގާލުމެއް ހުޅުމާލޭގައި ބާއްވައިފިއެވެ. 

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްނެގުމަށް އިންތިޒާމުކުރި މި ހިނގާލުމުގައި ހެލްތު މިނިސްޓްރީއާއި މާލޭ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލުތަކަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުން ބައިވެރިވިއެވެ. ހިނގައިލުން އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. 

އަދި މި ހިނގައިލުމުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމާއި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި މި ހިނގައިލުމުގައި ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާއި އެކަމުގެ ފައިދާ އެނގޭނެ ލިޔުންތައް ލިޔެފައިވާ ބޯޑުތަކާއި ބެނޭތައް ބޭނުންކޮށްފައިވެއެވެ. 

މި ހިނގައިލުމާ ގުޅޭ ގޮތުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފައިވަނީ މި ހިނގައިލުމުގެ މަގުސަދަކީ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގައި އެމީހުންގެ އަގު ވަޒަންކުރުމާއެކު ލޭ ހަދިޔާކުރުމަށް އިތުރަށް ހިތްވަރުދިނުމާއި އެކަމުގެ ބޭނުންތެރިކަން ފާހަގަކުރުން ކަމަށެވެ. 

މި އަހަރު ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 'ލޭދީގެން އުއްމީދެއް ދޭށެވެ، އެންމެން ގުޅިގެން ފުރާނަ ސަލާމަތްކުރަމާ،" އެވެ. މި ޝިއާރުން ދައްކުވައިދެނީ ލޭ ހަދިޔާކުރުމުގެ ސަބަބުން ދިރިއުޅުމަށް އަންނަ ބަދަލާއި އެކަމުގައި އެކުލެވޭ މުޖުތަމައުގެ ހަރުދަނާކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ދިނުމެވެ. 

ލޭ ހަދިޔާކުރާ މީހުން ދެމުންދާ މަތިވެރި އިންސާނީ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެެއްގެ ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު