ENGLISH
02 ޖުލައި 2025
މަތީ ތައުލީމު ދޭ މަރުކަޒުތަކާ ގުޅިގެން ލޭ ދިނުމާމެދު ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރަނީ
14 ޖޫން 2025
|
ލޭ ހަދިޔާކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފެއްދުމަށް ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
މިއަދު ހެލްތު މިނިސްޓްރީން ބުނެފައިވަނީ ލޭ ހަދިޔާކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރަން މަތީ ތައުލީމު ދޭ 24 މަރުކަޒަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ. މި މަރުކަޒުތަކާއެކު އެއްބަސްވުމުގައި ސޮއިކުރާނީ މި އަހަރު ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން ބާއްވާ ރަސްމިއްޔާތުގައެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މަގުސަދަކީ ލޭ ހަދިޔާކުރާ މީހުން އިތުރުކުރުމާއި، ސިއްހީ ގޮތުން ލޭ ހަދިޔާކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި މި އެއްބަސްވުމުގެ ދަށުން ލޭ ހަދިޔާކުރުމާއި އެނޫންވެސް ސިއްހީ ކަންކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް އާއްމުންނަށް ފޯރުކޮށްދޭނެ ކަމުގައި އެ މިނިސްޓްރީން ބުންޏެވެ.
ލޭ ހަދިޔާކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި މިނިސްޓްރީއާއެކު މަސައްކަތްކުރާ މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ އިސްވެރިންނާއެކު އެކަމާ ގުޅޭ މަޝްވަރާކުރެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމުވަނީ ބައްދަލުވުންތަކެއް ބާއްވަވާފައެވެ.
މި އަހަރު ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 'ލޭދީގެން އުއްމީދެއް ދޭށެވެ، އެންމެން ގުޅިގެން ފުރާނަ ސަލާމަތްކުރަމާ،" އެވެ. މި ޝިއާރުން ދައްކުވައިދެނީ ލޭ ހަދިޔާކުރުމުގެ ސަބަބުން ދިރިއުޅުމަށް އަންނަ ބަދަލާއި އެކަމުގައި އެކުލެވޭ މުޖުތަމައުގެ ހަރުދަނާކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ދިނުމެވެ.
ލޭ ހަދިޔާކުރާ މީހުން ދެމުންދާ މަތިވެރި އިންސާނީ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެެއްގެ ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ.