ENGLISH
24 ޖޫން 2025
ލޮސް އެންޖެލީސްގައި ހަމަނުޖެހުންތައް ކޮންޓްރޯލް ނުވެ، މެރީންސްގެ ސިފައިން ނެރެން ތައްޔާރުވެއްޖެ
10 ޖޫން 2025
|
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލީސް ސިޓީގައި ބިދޭސީން އިސްވެ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ފުލުހުންނާ ކުރިމަތިލައި، ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލްނުވެ، އިތުރަށް ގޯސްވަމުންދާތީ، އެމެރިކާގެ އެއްގަމު ސިފައިންގެ ފައުޖު، މެރީންސް ނެރެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
ލޮސް އެންޖެލީސްގައި އެތަކެއް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށާފައި ވަނީ، އިމިގްރޭޝަން އިދާރާ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް) އިން ރޭޑު ޖަހައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ.
އައިސްއިން މި އޮޕަރޭޝަން ފަށާފައިވަނީ، އެމެރިކާގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ ހަރުކަށި މަސައްކަތްތަކުގެ ދަށުންނެވެ.
ފުލުހުންނަށް މުޒާހަރާތައް ކޮންޓްރޯލްނުވެގެން، ޓްރަމްޕް އިއްޔެ ވަނީ ނެޝަނަލް ގާޑުގެ ސިފައިން ލޮސް އެންޖެލީސްގެ ސަރަޙައްދުތަކަށް ފޮނުއްވައިފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ލޮސް އެންޖެލީސްގައި ހުންނަ ދައުލަތުގެ މުދަލާއި އިމާރާތްތައް ހިމާޔަތްކުރުމަށްޓަކައި، މެރީންސްގެ 700 ސިފައިން ނެރުމަށް ޓްރަމްޕް އަންގަވާފައިވާ ކަމަށެވެ.
މެރީންސްގެ އިތުރުން، ހަމަޖެހުން ޤާއިމުކުރުމަށް، ނެޝަނަލް ގާޑުގެ އިތުރު 2،000 ސިފައިން ނެރުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ލޮސް އެންޖެލީސްގެ އިތުރުން، އެހެން ސިޓީތަކަށް ވެސް ނެޝަނަލް ގާޑުގެ ސިފައިން ފޮނުވައި، ހަމަޖެހުން ޤާއިމުކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.
ޓްރަމްޕްގެ އަމުރާއެކު، ލޮސް އެންޖެލީސްގެ ތިން ސަރަޙައްދަކަށް 300 އަށް ވުރެ ގިނަ ނެޝަނަލް ގާޑުގެ ސިފައިން، ހަތިޔާރާއެކު ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.
ހޯމްލޭންޑް ސެކިޔުރިޓީ އާ ގުޅިގެން، މުޒާހަރާ ކޮންޓްރޯލްކުރުމަށް ޕެޕަރ ސްޕްރޭ އާއި ކަރުނަ ގޭސް ބޭނުންކުރަމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
ކެލިފޯނިއާ ސްޓޭޓް ސަރުކާރުގެ ހުއްދަ ނެތި، ނެޝަނަލް ގާޑުގެ ސިފައިން ނެރުމުން، ޓްރަމްޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި މިއީ މައި ސަރުކާރުން ބާރުގެ ނާޖާއިޒު ބޭނުންކުރުން ކަމަށް ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ ވިދާޅުވެފައެވެ.
އެއާއެކު، ޓްރަމްޕްގެ އެ އެންގެވުން ބާތިލުކުރަން، ނިއުސަމްގެ އޮފީހުން މިހާރު ވަނީ ފެޑެރަލް ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
މުޒާހަރާތައް ކޮންޓްރޯލް ކުރަން މެރީންސް ނެރެން ޓްރަމްޕް ނިންމަވާފައިވިޔަސް، އެކަމަށް އަދި ސީދާ ޢަމަލުކުރާނެކަމަށް ނުބެލެވޭކަމަށް ނިއުސަމްގެ އޮފީހުން ވަނީ ބުނެފައެވެ. މުޒާހަރާ ކޮންޓްރޯލްކުރަން ނެރެން ނިންމި މެރީންސްގެ ސިފައިން އަދި ފޮނުވާފައިވަނީ، ލޮސް އެންޖެލީސްގެ ކައިރީގައި އޮންނަ އަސްކަރީ މަރުކަޒަކަށް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.