ENGLISH
24 ޖޫން 2025
ޣައްޒާއަށް ދިޔަ އެކްޓިވިސްޓުންގެ އެހީގެ ބޯޓު ހުއްޓުވައި، އިޒްރޭލަށް ގެންގޮސްފި
10 ޖޫން 2025
|
ޙައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންތަކަކާއެކު ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރަމުންދިޔަ ބޯޓު އިޒްރޭލުން ހިފަހައްޓައި، ޔަހޫދީންގެ އަޝްދާދު ބަންދަރަށް ގެންގޮސްފައިވާކަމަށް އިޒްރޭލު ސިފައިން ބުނެފިއެވެ.
އެ ބޯޓުގައި ތިބި އެކްޓިވިސްޓުންގެ ތެރޭގައި، ތިމާވެށި ހިމާޔަތްކުރުމުގައި މަސައްކަތްކުރާ، މަޝްހޫރު އެކްޓިވިސްޓު ގްރެޓާ ތަންބަރގް ވެސް ހިމެނެއެވެ.
އިޒްރޭލުގެ ޚާރިޖީ ވުޒާރާއިން ބުނީ، އެ ބޯޓު، އަޝްދާދު ބަނދަރަށް ޓޯކޮށް، އޭގައި ތިބި މީހުންގެ ސިއްޙީ ހާލު ދެނެގަތުމަށް ޓެސްޓުތައް މިހާރު ހަދަމުންދާ ކަމަށެވެ.
މެޑެލީން ނަމަކަށް ކިޔާ އެ ބޯޓުގައި އެހީ ހިފައިގެން އެކްޓިވިސްޓުންތައް ދަތުރުފެށީ، ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވައި، އެތަނުގައި ދިރިއުޅޭ ރައްޔިތުން ބަނޑަށްޖެއްސުމަށް ޔަހޫދީންގެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާމެދު އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.
އެ އުޅަނދު އިޒްރޭލުގެ ކަނޑުގެ ސިފައިން ހުއްޓުވާފައިވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުންކަމަށް ރިޕޯޓުތައް ބުނެއެވެ.
ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.
ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.
ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ނަމަވެސް، އެ ޖަމްޢިއްޔާ އުފެއްދީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކޮންޓްރޯލް އިޒްރޭލާއި އެމެރިކާގެ އަތް ދަށަށް ގެނައުމަށް ކަމަށް ބުނެ ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅުކުރަމުންނެވެ.
އަދި މިކަމުގެ ތަޖުރިބާއެއް ނެތި، އެހީ ބެހުމުގެ އިންތިޒާމް ދޯހަޅިކަމުން، އެހީ ބަހާ ސަރަޙައްދުތަކުގައި ލޫޓުވުމާއި ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 54,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.