ENGLISH

06 ޖުލައި 2025

Advertisement

ނޭމާ އަށް ކޮވިޑްޖެހިފައިވާ ކަމަށް ސަންޓޯސް އިން ބުނެފި

08 ޖޫން 2025

|

މުޙައްމަދު އަދުހަމް

ނޭމާ، ސަންޓޯސް އަށް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ބްރެޒިލްގެ ތަރި، ނޭމާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޓެސްޓު ކުރުމުން ދައްކާފައިވާތީވެ، ފަރިތަކުރުންތަކުގައި ބައިވެރިވަމުންނުދާ ކަމަށް އޭނާގެ ކްލަބު ސަންޓޯސްއާ ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ނޭމާގެ ކިބައިން މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ފެށުމާއެކު ޓީމުގެ ފަރިތަކުރުންތަކުން އެކަހެރިކޮށްފައިވާ ކަމަށާއި، ފަހުން ހޮނިހިރު ދުވަހު ހެދި ޓެސްޓުތަކަށްފަހު ވައިރަލް އިންފެކްޝަން ޖެހިފައިވާކަން ކަށަވަރުވެފައިވާ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

ކޮވިޑް ޖެހުމާ ގުޅިގެން ނޭމާ ކުޅުމާ ދުރުގައި ހުންނާނެ ވަކި މުއްދަތެއް ސަންޓޯސް އިން ހާމަކޮށްފައެއް ނުވެއެވެ. އަދި، މިވަގުތު ނޭމާ ސަސްޕެންޝަނެއްގައި ހުރުމާއެކު އަންނަ ހުކުރު ދުވަހު ލީގުގައި ފޯޓަލޭޒާއާ ދެކޮޅަށް ސަންޓޯސް ކުޅެން ހަމަޖެހިފައިވާ މެޗުގައި ވެސް ނުކުޅެވޭނެ އެވެ.

އެ މެޗަކީ މި ޖޫން މަހުގެ 14 ގައި އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕަށް ބްރެޒިލްގެ ލީގު މެދުކަނޑާލުމުގެ ކުރީން ސަންޓޯސް ކުޅޭ އެންމެ ފަހު މެޗެވެ. އެ މުބާރާތުގައި ބްރެޒިލްގެ ހަތަރު ކްލަބެއް ވާދަކުރެއެވެ. އެއީ، ޕަލްމެއިރާސް، ބޮޓަފޯގޯ އާއި ފްލުމިނެންސޭގެ އިތުރުން ފްލަމެންގޯ އެވެ.

ކުރީން ބާސެލޯނާ އާއި ޕީއެސްޖީ އަށް ކުޅެފައިވާ ނޭމާގެ މުސްތަގުބަލާ ގުޅޭގޮތުން ވަކި ގޮތެއް ނުނިމެއެވެ. ސަންޓޯސް އާއެކު ނޭމާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

މި ފަހަރުގެ ސީޒަނުގައި އަނިޔާގެ ސަބަބުން ބައެއް މެޗުތައް ގެއްލުނުނަމަވެސް، ނޭމާ ވަނީ ސަންޓޯސް އަށް ކުޅުނު 12 މެޗުގައި ތިން ލަނޑުޖަހައި، އިތުރު ތިން ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު