ENGLISH

06 ޖުލައި 2025

Advertisement

ލައިބާ، އަރްމީނިއާ މުބާރާތުގެ ތިން އިވެންޓުން ރަން މެޑެލް ހާސިލްކޮށްފި

08 ޖޫން 2025

|

މުޙައްމަދު އަދުހަމް

ލައިބާ، އަރްމީނިއާ މުބާރާތުން ހޯދީ ގޯލްޑް މެޑެލްއާއެކު. --

ޔޫރަޕުގެ ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ހިމެނޭ މުބާރާތެއް ކަމަށްވާ، އަރްމީނިއާގެ ޔޫތު އޯޕަން 2025 ގައި ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) ތިން ރަން މެޑެލް ހާސިލްކޮށްފިއެވެ.

މިއީ ބައިނަލްއަގުވާމީ ޔޫތު މުބާރާތެއްގައި ލައިބާ ހާސިލްކުރި ފުރަތަމަ ރަން މެޑެލް އެވެ.

އަރްމީނިއާގެ ޔެރެވާންގައި މި މަހު 6 އިން 8 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ލައިބާ ވަނީ 13 އަހަރުން ދަށުގެ އުމުރުފުރައިގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްގެ ރަން މެޑެލް ހޯދާފައެވެ.

މި މުބާރާތުގައި އުމުރުން 12 އަހަރާއި 15 އަހަރުން ދަށުގެ އުމުރުފުރައިގެ އަރްމީނިއާ، ޖޯޖިއާ، ސައިޕްރަސް އާއި ރަޝިޔާގެ އިތުރުން ޔުކްރޭނާއި ރާއްޖެ އަށް ނިސްބަތްވާ ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ 92 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

މުބާރާތުގެ މެޑެލް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. --

މުބާރާތުގެ ސިންގަލްސް އިވެންޓްގެ ފައިނަލުގައި ލައިބާ ވަނީ، އޭނާގެ ޑަބަލްސް ޕާޓްނަރު، ސައިޕްރަސްގެ އެމީލިއާ ސޮފޯކްލިއަސް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ލައިބާ ކާމިޔާބުކުރީ 21-15، 21-11 އިންނެވެ.

ޑަބަލްސް އިވެންޓްގެ ފައިނަލުގައި ލައިބާއާއި އެމީލިއާ ސޮފޯކްލިއަސްގެ ޕެއާ ވަނީ، ސައިޕްރަސްގެ ޒޮއިއާ ކުޓުޒޯވާ އާއި ޖޯޖިއާގެ އަނާ ސަރްކިސިއާންގެ ޕެއާ އަތުން 21-11، 21-11 އިން މޮޅުވެފައެވެ.

މި މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލުގައި ލައިބާއާއި އެރިކް އެލޮޔާންގެ ޕެއާ ވަނީ، ސައިޕްރަސްގެ އަންދްރެއަސް ސްޓްރޮވޯލިޑިސް އާއި އެމީލިއާ ސޮފޯކްލިއަސްގެ ޕެއާ 21-11، 25-23 އިން ބަލިކޮށްފައެވެ.

މުބާރާތުގެ މެޑެލް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. --

މި ފަޚުރުވެރި ކާމިޔާބީ ހާސިލްކުރުމަށްފަހު ލައިބާ ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އެ ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ސަރުކާރުން ކުރިއަށްގެންދަވާ "އަރުތަ" ޕްރޮގްރާމްގައި ބައިވެރިކޮށްދިނުމުން އެކަމަށް ޝުކުރުއަދާކޮށްފައެވެ.

ލައިބާ އަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގައި ހިމެނޭ އެތުލީޓެކެވެ. "އަރުތަ" ޕްރޮގްރާމަކީ، ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު