ENGLISH

06 ޖުލައި 2025

Advertisement

އެންޑޯރާ އަތުން އިންގްލެންޑަށް ހަނި މޮޅެއް

08 ޖޫން 2025

|

މުޙައްމަދު އަދުހަމް

އެންޑޯރާއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ކަޕް ކޮލިފައިންގައި އެންޑޯރާ އަތުން 1-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވި ނަމަވެސް، އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހޭކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މި ނަތީޖާއާއެކު، އިންގްލެންޑް އުޅެނީ ކޮލިފައިންގެ ގްރޫޕް ކޭގެ އެއްވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ދެވަނައިގައި އުޅޭ އަލްބޭނިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ލެޓްވިއާ ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އެވެ. ސާބިއާ އަށް އެއް ޕޮއިންޓާއެކު ހަތަރުވަނަ ލިބިފައިވާއިރު، ފުލުގައި އޮތް އެންޑޯރާ އަށް ޕޮއިންޓެއް ނުލިބެއެވެ.

މިއީ ޓުޗެލްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ކުޅުނު ތިން ވަނަ މެޗެވެ. މި ތިން މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. މިއީ އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައި ވެސް އަލަށް ހަވާލުވި ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ތިން މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހުރިހާ މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ސްޕެއިނުގެ ބާސެލޯނާގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 50 ވަނަ މިނެޓުގައި އިންގްލެންޑަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، ހެރީ ކޭން އެވެ. މިއީ އޭނާގެ ކެރިއަރުގައި ގައުމީ ޓީމާއި ކްލަބަށް ޖަހައިދިން 450 ވަނަ ގޯލެވެ.

އިންގްލެންޑްގެ ކޯޗު، ޓުޗެލް ހިތްހަމަނުޖެހުން ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް

ގިނަ ބަދަލުތަކާއެކު ކުޅެން ނުކުތް އިންގްލެންޑަށް މި މެޗުގައި ދުނިޔޭގެ ރޭންކިންގެ 173 ވަނައިގައި އުޅޭ އެންޑޯރާއާ ދެކޮޅަށް ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް، ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

އިންގްލެންޑްގެ ކޯޗު ޓުޗެލް ވަނީ، މެޗުގެ ފަހު ވިއްސަކަށް މިނެޓުގައި އޭނާގެ ޓީމުގެ ކުޅުންތެރިންގެ އަމަލުތައް ހުރިގޮތާއި، އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފައެވެ.

އެގޮތުން، ޓުޗެލް ބުނީ، މެޗުގައި އޭނާގެ ކުޅުންތެރިންގެ ކިބައިން އެއްވެސް ވަރަކަށް ސީރިއަސް ކަމެއް ނުފެނުނު ކަމަށާއި، ހާއްސަކޮށް ވޯލްޑް ކަޕް ކޮލިފައިންގ މެޗެއްގައި ފެންނަންޖެހޭނެ ފަދަ އެއްވެސް ކަމެއް ނުފެނުނު ކަމަށެވެ.

އެންޑޯރާއާ އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ގެޓީ އިމޭޖަސް

މެޗަށްފަހު ވާހަކަ ދައްކަމުން ކޭން ބުނީ، އެންޑޯރާއާ ދެކޮޅަށް އިންގްލެންޑްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެއް ކަމަށާއި، ގިނަ ބަޔަކު އެ މެޗުގެ މަތީން ހަނދާން ނުހުންނާނެ ކަމަށެވެ.

މި ގްރޫޕުގައި ހިމެނޭ އަލްބޭނިއާ އާއި ސާބިއާ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އިންގްލެންޑަށް ދެން އޮތީ އަންނަ އަންގާރަ ދުވަހު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ސެނެގޯލްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ކިޔުންތެރިންގެ ހިޔާލު