ENGLISH
06 ޖުލައި 2025
ނެދަލެންޑްސް ފެށީ މޮޅަކުން
08 ޖޫން 2025
|
ނެދަލެންޑްސްއާ ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް
ދެހާސް ސައްބީސް ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލެންޑްސް ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ފިންލެންޑް އަތުން މޮޅުވެއްޖެއެވެ.
މި ނަތީޖާއާއެކު، ނެދަލެންޑްސް އުޅެނީ ކޮލިފައިންގެ ގްރޫޕް ޖީގެ ތިންވަނައިގައެވެ. އެންމެ ކުރީގައި އުޅޭ ޕޮލެންޑަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ދެވަނައިގައި ފިންލެންޑް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ނެދަލެންޑްސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ހެލްސިންކީގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނެދަލެންޑްސް އިން ވަނީ ފުރަތަމަ ތިރީހަކަށް މިނެޓުގެ ތެރޭގައި ދެ ލަނޑުޖަހައިފައެވެ.
ނެދަލެންޑްސް އިން މެޗުގެ ހަވަނަ މިނެޓުގައި ލީޑު ނެގީ މެމްފިސް ޑިޕާއީގެ ގޯލުންނެވެ. މިއީ ފިންލެންޑްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ޑިޕާއީ ކާމިޔާބުކުރި ގޯލެކެވެ.
ނެދަލެންޑްސްއާ ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް
މެޗުގެ 23 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ދެވަނަ ލަނޑު ޖަހައިދިނީ ޑެންޒެލް ޑަމްފްރީސް އެވެ. މިއީ އެ ޓީމުގެ ކޯޑީ ގަކްޕޯ ނަގައިދިން ހުރަހެއްގެ އެހީގައި އެއް ފަހަރުން ފޮނުވާލައިގެން ޑަމްފްރީސް ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ޑިޕާއީ އަށާއި ގަކްޕޯ އަށް އެ ޓީމުގެ ލީޑު ފުޅާކޮށްދޭން ރަނގަޅު ފުރުޞަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
މެޗަށްފަހު، ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ބުނީ، ފުރަތަމަ މެޗު އަބަދުވެސް ވަރަށް އުނދަގޫވާނެ ކަމަށެވެ.
މެޗު ބަލަން ވަދެ ތިބި ނެދަލެންޑްސްގެ ސަޕޯޓަރުން. ފޮޓޯ: ރޮއިޓާސް
ވެން ޑައިކް ބުނީ، އޭނާގެ ޓީމުން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު ނަތީޖާ 3-0 އަށް ބަދަލުކޮށްލެވެން ވާނެ ކަމަށެވެ. އޭނާ ވަނީ، މެޗުގެ ފުރަތަމަ 60 ވަރަކަށް މިނެޓު ނެދަލެންޑްސް ވަރަށް ރަނގަޅު ކުޅުމެއްދެއްކި ނަމަވެސް، ފަހު ތިރީހަކަށް މިނެޓުގައި އެއަށްވުރެ ކުޅުން ރަނގަޅު ކުރެވެން ވާނެ ކަމަށް ބުނެފައެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މި ގްރޫޕުގައި ހިމެނޭ މޯލްޓާއާއި ލިތުއޭނިއާ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ބޮސްނިއާ އެންޑް ހާޒެގޮވީނާގެ ދަނޑުގައި އެ ޓީމުން 1-0 އިން ސެން މަރީނޯ ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ރުމޭނިއާ އަތުން އޮސްޓްރިއާ މޮޅުވީ 2-1 އިންނެވެ.