ENGLISH

08 ޖޫން 2025

Advertisement

އެމްބާޕޭގެ ވޯޓު، ޑެމްބެލޭ އަށް؛ ބުނީ ޕީއެސްޖީގެ ކާމިޔާބީތަކާމެދު އުފާވާ ކަމަށް!

07 ޖޫން 2025

|

މުޙައްމަދު އަދުހަމް

ފްރާންސްގެ ކެޕްޓަން، އެމްބާޕޭ. --ފޮޓޯ: ގެޓީ އިމޭޖަސް

އަހަރުގެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑްގައި ވޯޓުދޭނީ އޮސްމާނޭ ޑެމްބެލޭ އަށް ކަމަށާއި، ކުރީގެ ކްލަބް ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމުން އުފާވާ ކަމަށް ކީލިއަން އެމްބާޕޭ ބުނެފިއެވެ.

އެމްބާޕޭ ބުނީ، އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާން އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ޕީއެސްޖީން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން އެކަމުގެ ސަބަބުން އޭނާ އަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"އަހަރެން އުފާވި، އެމީހުންނަށް އެ މުބާރާތް ޙައްޤު. އެތައް ދަތިތަކެއް ކުރިމަތިވެފައިވޭ، އަހަރެންވެސް އެކަން ތަޖުރިބާކޮށްފައިވާނެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ފިޔަވައި ހުރިހާ މަރުޙަލާއެއް އަހަރެން ކަޑައްތުކޮށްފައިވާނެ،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ، ޕީއެސްޖީ އަކީ ނިމިދިޔަ ސީޒަނުގައި ޔޫރަޕްގެ އެންމެ މޮޅު ޓީމުކަން ސާބިތުކޮށްދީފައިވާ ކަމަށާއި، އެ ކާމިޔާބީ އަކީ އެ ޓީމަށް 100 ޕަސެންޓް ޙައްޤު ކާމިޔާބީއެއް ކަމަށެވެ.

ޕީއެސްޖީ ދޫކޮށްދިޔައީ ވަގުތު އައިސް ޖެހުމުން ކަމަށާއި، އޭނާ ނެތި އެ ޓީމުން ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް މުބާރާތް ކާމިޔާބުކުރިނަމަވެސް އެއްވެސް ހިތްދަތިކަމެއް ނެތް ކަމަށް ވެސް އެމްބާޕޭ ބުންޏެވެ.

ހިލޭ ޓްރާންސްފަރއެއްގައި ޕީއެސްޖީ ދޫކޮށްލުމަށްފަހު ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ރެއާލް މެޑްރިޑްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ޓީމާއެކު ތަށްޓެއް ނުލިބި ހުސްއަތާ ނިންމާލި އެމްބާޕޭ ވަނީ، ޕީއެސްޖީ އަށް ކުޅުނު ދުވަސްވަރު ނުލިބި ހުރި މުސާރަ ހޯދުމަށް ކޯޓުގައި މައްސަލަ ޖައްސާފައެވެ. އެގޮތުން، އެމްބާޕޭ ވަނީ މުސާރައިގެ ގޮތުގައި އޭނާ އަށް ލިބެންޖެހޭ ގާތްގަނޑަކަށް 62.67 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ޕީއެސްޖީ ގޮވައިގެން ކޯޓަށް ގޮސްފައެވެ.

ނިމިދިޔަ ސީޒަނުގައި ރެއާލަށް ކުޅުނު ހުރިހާ މުބާރާތެއްގައި މުޅިއެކު 43 ލަނޑުޖެހި އެމްބާޕޭ ވަނީ، ޔޫރަޕްގެ ގޯލްޑެން ބޫޓާއި ސްޕެނިޝް ލީގުގެ ގޯލްޑެން ބޫޓު ވެސް ހާސިލްކޮށްފައެވެ. ލަލީގާގެ އިތުރުން ކޮޕަ ޑެލް ރޭ ގައި ވެސް ރެއާލްއާއެކު އެމްބާޕޭ އަށް ލިބުނީ ދެވަނަ މަގާމެވެ.

ބެލޮންޑިއޯ އެވޯޑަށް ވޯޓުދޭނެ ކުޅުންތެރިއަކާ ބެހޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އެމްބާޕޭ ބުނީ، ބާސެލޯނާގެ ލަމީން ޔަމާލް އަށް ވޯޓު ނުދޭނެ ކަމަށާއި، އޭނާގެ ވޯޓުދޭނީ ޑެމްބެލޭ އަށް ކަމަށެވެ. އަދި، އެއަށްވުރެ ފަސޭހަ ނިންމުމެއް ނުނިންމޭނެ ކަމަށް ވެސް އެމްބާޕޭ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު