ENGLISH
08 ޖޫން 2025
ލައިބާ، އަރްމީނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ އަށް
07 ޖޫން 2025
|
މުބާރާތުގެ ޑަބަލްސް އިވެންޓްގައި ލައިބާ ވާދަކުރަނީ.
ޔޫރަޕްގެ ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ހިމެނޭ މުބާރާތެއް ކަމަށްވާ، އަރްމީނިއާގެ ޔޫތު އޯޕަން 2025 ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) އެ މުބާރާތުގެ ތިން އިވެންޓެއްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އަރްމީނިއާގެ ޔެރެވާންގައި މި މަހު ފެށި މުބާރާތުގައި ލައިބާ ވަނީ 13 އަހަރުން ދަށުގެ އުމުރުފުރައިގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ އެއް މުބާރާތެއްގެ ތިން އިވެންޓެއްގެ ސެމީ ފައިނަލުން ލައިބާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ސިންގަލްސް އިވެންޓްގެ ކުއާޓާ ފައިނަލުގައި ލައިބާ ވަނީ، ޖޯޖިއާގެ 13 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާ ކަމަށްވާ، މަގްދާ ޝަހްބަޒްޔާން އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ލައިބާ ގެންދިޔައީ، 22-20، 18-21، އަދި 21-13 އިންނެވެ. މި އިވެންޓްގައި ސެމީގައި ލައިބާ ނުކުންނާނީ އަރްމީނިއާގެ އެއްވަނަ ކުޅުންތެރިޔާ، ގަޔާނެ އަވެޓްސިޔަންއާ ދެކޮޅަށެވެ.
ޑަބަލްސް އިވެންޓްގެ ސެމީގައި ލައިބާއާއި އެމީލިއާ ސޮފޯކްލިއަސްގެ ޕެއާ ނުކުންނާނީ އަރްމީނިއާގެ އަނީ އެލޮޔާން އާއި ލިލީ ކިރަކޮސްޔަންގެ ޕެއާއާ ދެކޮޅަށެވެ.
މުބާރާތުގެ ދެ އިވެންޓެއްގައި ލައިބާ ކުޅެނީ.
މި މުބާރާތުގެ މިކްސް ޑަބަލްސް ސެމީގައި ލައިބާއާއި އެރިކް އެލޮޔާންގެ ޕެއާ ބައްދަލުކުރާނީ ސައިޕްރަސްގެ ކްރިސްޓޯސް ޕަޕަޗްރިސްޓޮފޮރޫ އާއި ޒޮއިއާ ކުޓުޒޯވާގެ ޕެއާއާ އެވެ.
މުބާރާތުގެ ހުރިހާ އިވެންޓެއްގެ ސެމީ އާއި ފައިނަލް މެޗުތައް އޮންނާނީ މާދަމާ އެވެ.
މިވަގުތު ރާއްޖޭގައި ހުރި 13 އަހަރުން ދަށުގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށްވާ، ލައިބާ ވަނީ މިދިޔަ އަހަރު ބޭއްވި އަރްމީނިއަން ޔޫތު އޯޕަންގައި ވެސް އެއް ރިހި މެޑެލް އާއި ލޯ މެޑެއްޔެއް ހޯދާފައެވެ. މީގެއިތުރުން، މިދިޔަ އޭޕްރީލް މަހު ބޭއްވި އިޓަލީ މުބާރާތުން ވެސް ވަނީ ދެ ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.
ލައިބާ އަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގައި ހިމެނޭ އެތުލީޓެކެވެ. "އަރުތަ" ޕްރޮގްރާމަކީ، ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.