ENGLISH

06 ޖުލައި 2025

Advertisement

ކްލަބް ވޯލްޑް ކަޕްގައި ކުޅުމުގެ ވިސްނުމެއް ނެތް: ރޮނާލްޑޯ

07 ޖޫން 2025

|

މުޙައްމަދު އަދުހަމް

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮނާލްޑޯ ވާހަކަދައްކަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގައި މި މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅުމުގެ އެއްވެސް ޕްލޭނެއް ނުގެންގުޅޭ ކަމަށް ޕޯޗުގަލް އަދި އަލް ނަސްރުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ މުސްތަގުބަލާ ގުޅޭގޮތުން އޮޅުން އަރާފަދަ ގިނަ ވާހަކަތަކެއް ދެކެވުނީ، ނިމިދިޔަ މަހުގެ ތެރޭގައި ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވިދާޅުވި ބައެއް ވާހަކަތަކާ ގުޅިގެންނެވެ.

އެއީ، ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ސަޢޫދީ ޢަރަބިއްޔާގެ ކްލަބް އަލް ނަސްރު، ވޯލްޑް ކަޕަށް ކޮލިފައިނުވިނަމަވެސް، އެ މުބާރާތުގައި ވާދަކުރާ ބައެއް ކްލަބުތަކުން ރޮނާލްޑޯ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމުގެ ޚަބަރުތަކެއް ފެތުރުމުންނެވެ.

ރޮނާލްޑޯގެ މުސްތަގުބަލާ ގުޅޭގޮތުން، އަލް ނަސްރުގެ ސްޕޯޓިންގ ޑައިރެކްޓަރ، ފެނާންޑޯ ހިއޭރޯ މިދިޔަ މަހު ބުނީ، ރޮނާލްޑޯ އާއެކު ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ފެށިގެން ކުރިއަށްގެންދާ ކަމަށެވެ. ނަމަވެސް، ރޮނާލްޑޯގެ ސޮއި ހޯދުމަށް އިތުރު ކްލަބުތަކުން ވާދަކުރަމުންދާ ކަމަށެވެ.

ސަޢޫދީ ޕްރޯ ލީގުގައި އަލް ފަތެހްއާ ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗަށްފަހު ސީޒަން ނިންމާލިއިރު، ރޮނާލްޑޯ ވަނީ މުސްތަގުބަލާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ދީފައެވެ. މެޗަށްފަހު ސޯޝަލް މީޑިއާގައި ރޮނާލްޑޯ ކުރި ޕޯސްޓެއްގައިވަނީ، "މި ޗެޕްޓަރ ނިމުނީ. މި ވާހަކަ؟ އަދިވެސް ދަނީ ލިޔެވެމުން،" މިހެންނެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ، މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ކުޅުމަށް އެހެން ކުލަބާ ގުޅިދާނެތޯ ކުރި ސުވާލުތަކަށް ޖަވާބުދެމުން އެއީ މުހިއްމު ކަމެއް ނޫން ކަމަށާއި، މިވަގުތަށް އޭނާ އެންމެ ބޮޑު ސަމާލުކަމެއްދޭނީ ޤައުމީ ޓީމަށް ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ދެއްކި ވާހަކައިގައިވަނީ، ގިނަ ކްލަބުތަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އޭގައި ހިމެނެނީ މާނަހުރި ކަންކަމާއި މާނައެއް ނެތް ކަންތައްތައް ކަމަށް ބުނެފައެވެ. އަދި، އޭނާ އަށް ހުރިހާ ކްލަބަކަށް ނުދެވޭނެ ކަމަށާއި، ކުރު ނުވަތަ މެދު އަދި ދިގު މުއްދަތާމެދު ވިސްނަންޖެހޭނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ، ކްލަބް ވޯލްޑް ކަޕުގައި ކުޅުމަށް ގިނަ ހުށަހެޅުންތަކެއް ލިބުނުނަމަވެސް އެ މުބާރާތުގައި ނުކުޅުމަށް ނިންމި ނިންމުމަކީ އަމިއްލަ އަށް ނިންމި ނިންމުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު