ENGLISH

07 ޖޫން 2025

Advertisement

ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި ނޯވޭ އަތުން އިޓަލީ ބަލިވެއްޖެ

07 ޖޫން 2025

|

މުޙައްމަދު އަދުހަމް

އިޓަލީ ކޮޅަށް ލަނޑުޖެހުމަށްފަހު ނޯވޭގެ ނުސާ އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް

ދެހާސް ސައްބީސް ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީ ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން، ނޯވޭ އަތުން ބަލިވެއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް އައިގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ނޯވޭ އުޅެނީ އެއްވަނައިގައެވެ. އެ ޓީމަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

އޮސްލޯގައި ހުންނަ އުލެވާލް ސްޓޭޑިއޯންގައި ކުޅުނު މެޗުގައި ނޯވޭ އިން ޖެހި ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.

މެޗު ފެށިގެން 14 ވަނަ މިނެޓުގައި ނޯވޭ އިން ލީޑު ނެގީ އަލެކްޒެންޑާ ސޯލޯތު އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ވިންގް، އެންޓޯނިއޯ ނުސާ ދިން ތުރޫ ޕާހަކުންނެވެ.

ބެލްޖިއަމްއާ އުތުރު މެސެޑޯނިއާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

އޭގެފަހުން، މެޗުގެ 34 ވަނަ މިނެޓުގައި ނޯވޭގެ ދެވަނަ ލަނޑުޖަހައިދިނީ ނުސާ އެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެކުރީން، އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް ދިން ޕާހެއްގެ އެހީގައި އާލިން ބްރައުޓް ހާލަންޑް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

އިޓަލީން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ވެސް ގޯލަށް ނުރައްކާކުރީ ނޯވޭ އިންނެވެ. އެގޮތުން، މި ހާފުގައި އެ ޓީމުގެ މިޑްފީލްޑަރު، ސެންޑަ ބާޖް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

ޔޫރަޕް ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އުތުރު މެސެޑޯނިއާ އިން ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ބެލްޖިއަމްއާ އެއްވަރުކޮށްފައެވެ.

ވޭލްސްގެ ދަނޑުގައި އެ ޓީމުން 3-0 އިން ލީޗްޓެންސްޓެއިން ބަލިކުރިއިރު، ރަށުން ބޭރުގައި ޖިބްރާލްޓާ އަތުން ކްރޮއޭޝިއާ މޮޅުވީ 7-0 އިންނެވެ. އަމިއްލަ ދަނޑުގައި މޮންޓެނީގްރޯ އަތުން ޗެކްރިޕަބްލިކް މޮޅުވީ 2-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު