ENGLISH
07 ޖޫން 2025
ހިޒްބުﷲ އިން ހަތިޔާރު ނުބަހައްޓާނަމަ، ލުބްނާނަށް ވައިގެ އިތުރު ޙަމަލާތައް ދޭނެކަމުގެ އިންޒާރު އިޒްރޭލުން ދީފި
07 ޖޫން 2025
|
ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙިޒްބުﷲ ޖަމާޢަތުން ހަތިޔާރު ނުބަހައްޓާނަމަ، ލުބްނާނަށް ވައިގެ އިތުރު ޙަމަލާތައް ދޭނެކަމުގެ އިންޒާރު އިޒްރޭލުން ދީފިއެވެ.
ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީންގެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތަކާ ގުޅިގެން، ޙިޒްބުﷲ އިން ވާގިދޭ ޙަމާސްއިން ވެސް ދަނީ ލުބްނާނުގެ ސަރަޙައްދުތައް ބޭނުންކޮށްގެން އިޒްރޭލަށް ޙަމަލާތައް ދެމުންނެވެ.
އޭގެ ރައްދުގައި، އިޒްރޭލުން ވަނީ މި ހަފްތާގެ ތެރޭގައި ބެއިރޫތުގެ ދެކުނު ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދީފައެވެ.
ލުބްނާނުން ބުނީ، ބެއިރޫތަށް އިޒްރޭލުން ދިން ޙަމަލާތަކަކީ، އިޒްރޭލާއި، ޙިޒްބުﷲ އާ ދެމެދު އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ކުރަމުންދިޔަ ހަނގުރާމަ، އެމެރިކާ އާއި ފްރާންސް އިސްވެ އޮވެ، ހަނގުރާމަ ހުއްޓާލުމަށް މިދިޔަ ނޮވެމްބަރު ޤާއިމުކުރި އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.
މިއީ ސުލްޙައިގެ އެއްބަސްވުން އެކުލަވައިލިފަހުން، ހިޒްބުﷲ ގެ ހަރަކާތްތައް ބޮޑު، ބެއިރޫތުގެ ދެކުނަށް އިޒްރޭލުން ވައިގެ ޙަމަލާތައް ދިން ހަތަރު ވަނަ ފަހަރެވެ.
އިޒްރޭލުގެ ހަރުކަށި ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ބުނީ، އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާހާ ހިނދަކު، ލުބްނާނަށް ވެސް ހަމަޖެހިގެން ތިބުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.
އިޒްރޭލުން އެންމެ ފަހުން ދިން ޙަމަލާތަކުގައި އާންމުން ދިރިއުޅޭ ނުވަ އިމާރާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.