ENGLISH

07 ޖޫން 2025

Advertisement

ރޯމާގެ ކޯޗުގެ މަގާމަށް ގަސްޕެރީނީ ހަމަޖައްސައިފި

06 ޖޫން 2025

|

މުޙައްމަދު އަދުހަމް

ރޯމާގެ ކޯޗުގެ މަގާމާ ހަވާލުވި ގަސްޕެރީނީ. --ފޮޓޯ: ރޮއިޓާސް

އިޓަލީގެ ކްލަބް އޭއެސް ރޯމާގެ އައު ކޯޗުގެ މަގާމަށް، ކުރީން އެޓަލާންޓާ އަށް ކޯޗުކޮށްދިން ޖިއާން ޕިއެރޯ ގަސްޕެރީނީ ހަމަޖައްސާފައިވާކަމަށް އެ ކްލަބުން ބުނެފިއެވެ.

އުމުރުން 67 އަހަރުގެ ގަސްޕެރީނީ ވަނީ ރޯމާއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ރޯމާގެ ކޯޗުގެ މަގާމަށް ގަސްޕެރީނީ ގެނައީ، ކުރީން އެ ޓީމަށް ކޯޗުކޮށްދިން އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ ނިމިދިޔަ ސީޒަނަށްފަހު ރިޓަޔާކުރުމުންނެވެ. ސީޒަނުގައި ރޯމާއާ ހަވާލުވި ތިންވަނަ ކޯޗުގެ ގޮތުގައި ރަނިއޭރީ ވަނީ، އެ ޓީމާއެކު ލީގުގެ ފަސްވަނައިގައި ނިންމާލައި ޔުއެފާ ޔުރޮޕާ ލީގަށް ކޮލިފައިކޮށްދީފައެވެ.

ނުވަ އަހަރަށްފަހު އެޓަލާންޓާގެ ކޯޗުގެ މަގާމުން ގަސްޕެރީނީ ވަކިވެފައިވާކަން މިދިޔަ ހޮނިހިރު ދުވަހު އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. އެޓަލާންޓާގައި ހޭދަކުރި މުއްދަތުގައި ގަސްޕެރީނީ ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައިދީ، ގަވާއިދުން ޔޫރަޕްގެ ކްލަބް މުބާރާތްތަކުގައި ކުޅޭ ޓީމެއްގެ މަގާމަށް ގެނެސްފައެވެ.

ކްރޮޓޯނޭ އިން ކޯޗިންގ ކެރިއަރު ފެށި ގަސްޕެރީނީ ވަނީ، ޖެނޯއާ، އިންޓަރ މިލާން އަދި ޕަލޭމޯ އަށް ވެސް އިރުޝާދު ދީފައެވެ. ނަމަވެސް، އޭނާ އަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ އެޓަލާންޓާގައި ކުރި މަސައްކަތުންނެވެ. އޭނާ ވަނީ އެ ކުލަބުގައި ހޭދަކުރި ފުރަތަމަ ސީޒަންގައި، 26 އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިކޮށްދީފައެވެ. މީގެއިތުރުން، އެޓަލާންޓާ އާއެކު ގަސްޕެރީނީ ވަނީ ހަތަރު ފަހަރަށް ލީގުގެ ތިންވަނަ މަގާމު ހާސިލްކޮށްފައެވެ.

ގަސްޕެރީނީގެ ކޯޗިންގ ކެރިއަރުގައި މިހާތަނަށް ހޯދި އެންމެ ފަޚުރުވެރި ކާމިޔާބީ އަކީ އެޓަލާންޓާ އާއެކު 2024 ވަނަ އަހަރުގެ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމެވެ. މިއީ އެ ޓީމުގެ ތާރީޚުގައި ވެސް ޔޫރަޕްގެ ފުރަތަމަ ތަށްޓެވެ.

ކިޔުންތެރިންގެ ހިޔާލު