ENGLISH
07 ޖޫން 2025
ލަލީގާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ރަފީނިއާ ހޮވިއްޖެ
06 ޖޫން 2025
|
ބާސެލޯނާގެ ބްރެޒިލް ވިންގް، ރަފީނިއާ. --ފޮޓޯ: ރޮއިޓާސް
ނިމިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ބާސެލޯނާގެ ބްރެޒިލް ވިންގް، ރަފީނިއާ ހޮވިއްޖެއެވެ.
އުމުރުން 28 އަހަރުގެ ރަފީނިއާ ވަނީ، ބާސެލޯނާ އާއެކު ޑޮމެސްޓިކް ޓްރެބަލް ހާސިލްކޮށްފައެވެ. އެގޮތުން، އޭނާ ވަނީ އެ ޓީމާއެކު ސްޕެނިޝް ލީގާއި، ކޮޕަ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.
ރަފީނިއާ ވަނީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ބާސެލޯނާ އަށް ކުޅެދިން 57 މެޗުގައި 34 ލަނޑުޖަހައި، 25 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.
މީގެ ތިން އަހަރު ކުރީން، އިންގްލެންޑްގެ ލީޑްސް ޔުނައިޓެޑުން ބަދަލުވެ، ބާސެލޯނާގައި ރަފީނިއާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބާސެލޯނާ އާއެކު ރަފީނިއާ ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފައިވާއިރު، އެ ޓީމުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ރަފީނިއާ ވަނީ، އެ މުބާރާތުގައި ކުޅުނު 14 މެޗުގައި 13 ލަނޑުޖަހައިފައެވެ.
މިފަހަރުގެ ސްޕެނިޝް ލީގުގެ 23 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ ލަމީން ޔަމާލް އެވެ. އަހަރުގެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑަށް ވެސް އެންމެ ވާދަކުރާ އެއް ކުޅުންތެރިޔާ ކަމަށްވާ، އުމުރުން 17 އަހަރުގެ ޔަމާލް ވަނީ ލީގުގައި ނުވަ ލަނޑުޖަހައި، ޗެމްޕިއަންސް ލީގުގައި ވެސް 5 ގޯލް ޖަހައިފައެވެ.