ENGLISH

07 ޖޫން 2025

Advertisement

ފްރެންޗް އޯޕަން: ހަތަރުވަނަ ސެޓުގައި މުސެޓީ އަށް އަނިޔާވުމުން، އަލްކަރާޒް ފައިނަލަށް

06 ޖޫން 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އަލްކަރާޒް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ކުޅުނު މެޗުގެ ހަތަރުވަނަ ސެޓުގެ ކުރީކޮޅު، އިޓަލީގެ ލޮރެންޒޯ މުސެޓީ އަށް އަނިޔާވެ، ސްޕެއިނުގެ ކާލޯސް އަލްކަރާޒް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޕެރިހުގެ ފިލިޕް-ޝެޓްރިއޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި 6-4 އިން ކުރިހޯދީ މުބާރާތުގެ އަށްވަނަ ސީޑް، މުސެޓީ އެވެ. އެކަމަކު، ދެންޖެހިގެންއައި ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ޓައިބްރޭކުގައި 7-6 (3) އިން ދެވަނަ ސީޑް، އަލްކަރާޒް ކާމިޔާބު ހޯދިއެވެ.

އެއަށްފަހު، ދެން ކުޅުނު ތިންވަނަ ސެޓުގައި ވާދަވެރިކަމެއް ނެތި އެންމެ ފަހުގެ ޗެމްޕިއަން، އަލްކަރާޒް ކުރިހޯދީ 6-0 އިންނެވެ. އޭގެފަހުން، ދެން ކުޅުނު ހަތަރުވަނަ ސެޓުގައި 2-0 އިން އަލްކަރާޒް ލީޑުގައި އޮއްވާ، މުސެޓީ އަށް އަނިޔާވެގެން ކުޅުން އިތުރަށް ކުރިއަށްގެންދެވޭ ގޮތް ނުވުމުން ވަނީ މެޗު ހުއްޓާލައިފައެވެ.

އޭގެކުރީން، މެޗުގެ ތިންވަނަ ސެޓުގައި ވެސް މުސެޓީގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަށް ވަނީ ފަރުވާ ހޯދާފައެވެ. އަދި އެއަށްފަހު، ހަތަރުވަނަ ސެޓު ފެށުމުގެ ކުރީން ވެސް އޭނާ ވަނީ ފަރުވާ ހޯދާފައެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް، 22، ބުނީ މިފަދަ ގޮތަކަށް މެޗެއް ކާމިޔާބުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ލޮރެންޒޯ [މުސެޓީ] އަކީ މޮޅު ކުޅުންތެރިއެއް ކަމަށެވެ. 

އަލްކަރާޒް ވަނީ، މުސެޓީ އަށް ލިބިފައިވާ އަނިޔާއިން ވަރަށް އަވަހަށް ރަނގަޅުވެ، އެނބުރި ޓެނިސް ކޯޓުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.

އަލްކަރާޒް ބުނީ، ފުރަތަމަ ދެ ސެޓުގައި ވަރަށް އުނދަގޫވި ކަމަށާއި، އެހެންކަމުން މެޗުގެ ދެވަނަ ސެޓު ކާމިޔާބުކުރެވުމާއެކު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމަށެވެ. އެއަށްފަހު، މެޗުގެ ތިންވަނަ ސެޓާ ހިސާބަށްދިޔައިރު ދެން ކަން ކުރަންވީ ގޮތް އެނގިގެންދިޔަ ކަމަށާއި، އޭރު އެންމެ ބޮޑު ސަމާލުކަމެއްދިނީ އެގްރެސިވް ގޭމެއް ކުޅުމަށް ކަމަށް ވެސް އަލްކަރާޒް ބުންޏެވެ.

މުބާރާތުގެ ފައިނަލުގައި އަލްކަރާޒް ކުޅެން ޖެހޭނީ ދެވަނަ ސެމީގައި އެއްވަނަ ސީޑް، އިޓަލީގެ ޔަނިކް ސިނާއާ ކުރީގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ކުޅެ، މޮޅުވާ ކުޅުންތެރިއަކާ އެވެ.

ކިޔުންތެރިންގެ ހިޔާލު