ENGLISH
07 ޖޫން 2025
މާލެއާއި ހުޅުމާލޭގައި އީދުގެ މުނާސަބަތުގައި ބާއްވާ ކުޑަކުދިންގެ ހަވީރު ފަށައިފި
06 ޖޫން 2025
|
މާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރުގެ ތެރެއިން، ފޮޓޯ: އެމްއެމްޓީވީ
އަޟްޙާ ޢީދު ކުލަގަދަަކޮށް މާލޭ ސަރަހައްދުގައި ފާހަގަކުރުމަށް މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ ކުޑަކުދިންގެ ހަވީރު ފަށައިފިއެވެ.
ގައުމީ ދިފާއީ ބާރުން އިސްނަގައިގެން ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުގެ ބައިވެރިވުމާއެކު މިފަހަރު ކުޑަކުދިންގެ ހަވީރު މާލޭގައާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ބާއްވައެވެ. ފާއިތުވި ފިޠުރު ޢީދުގައި ފުރަތަމަ ފަހަރަށް މިފަދަ ކުޑަކުދިންގެ ހަވީރެއް ބޭއްވިއިރު އެ ހަރަކާތް އެފަހަރު ބޭއްވީ މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގައި އެކަންޏެވެ.
މިފަހަރު ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރަށް ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހިޔާ ޕާކުގައި ކުޑަކުދިންގެ ހަވީރު ބާއްވާނެއެވެ. އަދި ހުޅުމާލޭގައި އެޗްޑީސީގެ އިސްނެގުމަށް އިތުރު ބައެއް ހަރަކާތްތައްވެސް މި އަހަރު ބާއްވަންވަނީ ނިންމާފައެވެ.
ކުޑަކުދިންގެ ހަވީރުގެ އިތުރަށް މިއަދު ހަވީރު 4:00 އިން 5:30 އަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހުގެ އެއްވަނަ ރުއްގަނޑު ކައިރީގައި ވޯޓާ ސްޕޯޓްސް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.
މި އީދު ދުވަހުގެ ތިން ދުވަހު ކޮންމެ ދުވަހަކުވެސް ހަވީރު ކުޑަކުދިންގެ ހަވީރު އޮންނާނެ ކަމުގައި ގައުމީ ދިފާއީ ބާރުން ބުނެފައިވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެންނެވެ. އެގޮތުން، މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައި ވެއެވެ.
ހަމައެހެންމެ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެންނެވެ.
ޢީދުހަވީރުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ފަރާތުން ޚާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންދަން ނިންމާފައެވެ. މީގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވެއެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.