ENGLISH
07 ޖޫން 2025
ގައުމީ އެއާލައިންގެ އެތެރޭގެ އުދުހުންތަކަށް އައު ބާރެއް؛ ފަސްވަނަ އޭޓީއާރް ރާއްޖެ އައުމުގެ ދަތުރު ފަށައިފި
06 ޖޫން 2025
|
މޯލްޑިވިއަނަށް ގެންނަ އައު އޭޓިއާރްއާއި އެ މަތިންދާބޯޓާއެކު ދަތުރުކުރާ ފަޅުވެރިން، ފޮޓޯ: މޯލްޑިވިއަން
ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތައް އިތުރަށް ހަރުދަނާކުރުމަށްޓަކަައި އެ އެއާލައިނަށް ގެންނަ ފަސްވަނަ އޭޓީއާރް މަރުކާގެ މަތިންދާބޯޓު ރާއްޖެއަށް އައުމުގެ ދަތުރަށް ފުރައިފިއެވެ.
ގައުމީ އެއާލައިނުން އެތެރޭގެ އުދުހުންތަކުގައި މުޅިންހެން ބޭނުންކުރަމުން އައީ ޑޭޝް މަރުކާގެ މަތިންދާބޯޓުތަކެވެ. ނަމަވެސް ޑޭޝް މަތިންދާބޯޓުތަކުގެ މަރާމާތަށް ބޭނުންވާ ސްޕެއާ ޕާޓުތައް ލިބުމުގައި ދަތިތައް ކުރިމަތިވުމާއެކު، އޭޓީއާރް މަތިންދާބޯޓު ގެންނަން ގައުމީ އެއާލައިނުން ނިންމައި އެ މަރުކާގެ މަތިންދާބޯޓުތައް ރާއްޖެއަށް ގެންނަން ފެށިއެވެ.
އެގޮތުން އޭޓީއާރް މަތިންދާބޯތުގެ ހަތަރު މަތިންދާބޯޓެއް މިހާތަނަށް ގައުމީ އެއާލައިނުގެ ފްލީޓަށް އިތުރުކޮށްފައިވެއެވެ. ގައުމީ އެއާލައިނުން ބުނެފައިވަނީ އޭޓީއާރް މަތިންދާބޯޓުތައް ގެނައުމުން ގައުމީ އެއާލައިނުގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތްތަކަށް ކުރިއެރުން ލިބޭނެ ކަމަަށެވެ.
އެ އެއާލައިނުން ދިން މައުލޫމާތަށް ބަލާއިރު އެ ފުލައިޓު ރާއްޖެއަށް އައުމުގެ ދަތުރު ފަށަނީ ފްރާންސްގެ ޓޫލޫސްއިންނެވެ. އެ ދަތުގައި ތިން މަންޒިލެއްގައި މަޑުކުރާނެއެވެ. އެގޮތުން ފުރަތަމަ މަޑުކުރާނީ ގްރީސްގެ ސިޓީއެއްކަމަށްވާ ހެރަކްލިއަންގައެވެ.
މި ފުލައިޓު ރާއްޖެއަށްކުރާ ދަތުރުގައި ބައިވެރިވަނީ މޯލްޑިވިއަންގެ ޕައިލެޓުންނާއި އިންޖިނިއަރުންނެވެ. އެގޮތުން ކްޕޭތަން އަބްދުﷲ ނާފިޒާއި ކެޕްޓަން އަލީ ޔާނިޝް ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ. އަދި މޯލްޑިވިއަންގެ އިންޖިނިއަރު ވާއިޒް މުޙައްމަދުވެސް މި ދަތުރުގައި ބައިވެރިވާނެއެވެ.
އެއާލައިނުން ބުނެފައިވަނީ އެ ދަތުރު ނިމި އޭޓިއާރްގެ އައު މަތިންދާބޯޓަށް ރާއްޖެއިން މަރުހަބާ ކިޔުމުގެ އިންތިޒާރުގައި އެއާލައިން ތައްޔާރަށް އޮތް ކަމަށެވެ.