ENGLISH
07 ޖޫން 2025
އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
06 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އިސްލާމީ ޤައުމުތަކުގެ ވެރިންނަށް 1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކު ބާތީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ރައްޔިތުންނަށާއި ސަރުކާރުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ.
އެ މެސެޖުގައި އަޟްޙާ ޢީދުގެ ރޫޙުގެ މައްޗަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވެފައިވަނީ ޢީދުގެ އުފާވެރި މި މުނާސަބަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހުރިހާ މުސްލިމުންގެ މެދުގައި ޝުކުރުވެރިކަމާއި އެއްބައިވަންތަކަމާއި، އޯގާތެރިކަމަށް ހިތްވަރު ލިބި އެކަންކަން އެބައިމީހުންގެ މެދުގައި އަަށަގަންނަ ވަގުތަކަށް ވާނެ ކަމުގައި އުއްމީދުކުރައްވާ ކަމަށެވެ.
އަދި މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސް ތިބި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދިވަޑައިގަތުމާއެކު، ޙައްޖުވެރިންނަށް ސަލާމަތާއި ރައްކާތެރިކަމާއި، މާތްﷲގެ ދަރުމަ މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުއާކުރެއްވިއެވެ.
ވަކިވަކިން އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖު ނިންމަވައިލެއްވީ އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި، އިތުރު ފަހި ފުރުސަތުތަކާއި ތަނަވަސްކަމާއި އުފަލާއި ކާމިޔާބުގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުއާކުރައްވަމުންނެވެ.