ENGLISH
12 ސެޕްޓެމްބަރު 2025
ވަށަފަރާ ގުޅުވައިގެން ކިޔާ ހަރުބަސް ރަށުގެ ފަހުރުވެރި ރަމްޒަކަށް
06 ޖޫން 2025
|
ވަަށަފަރުގެ އައު މޮނިއުމެންޓު، ފޮޓޯ: ވައުދު
ހއ.ވަށަފަރު މީހުންނާ ގުޅުވައިގެން އާއްމުކޮށް ދިވެހިންގެ މެދުގައި ކިޔާ ބަހެއް ކަމުގައިވާ "ވަށަފަރު މީހުން އުނބަށްޖެހުން" އެ ރަށު މީހުން ބަދަލުކޮށްލީ ރަށުގެ ފަހުރުވެރި ރަމްޒަކަށެވެ. ވަށަފަރަށް އެ ރަށު ބަނދަރުމަތިން އަރާއިރު މޫނު ގޮސްޖެހޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮނިއުމެންޓު ފަރުމާކޮށްފައިވަަނީ ދިވެހިންގެ ދޫމައްޗަށް ފަރިތަ މި ބަސް ރަމްޒުވާނެ ގޮތަށެވެ.
ވަށަފަރު މީހުން ކިޔައިދޭ ގޮތުން އެ ރަށު މީހުންނަށް ނިސްބަތްކޮށް އުނބަށްޖެހުން މި ބަސް ބޭނުންކުރަން ފެށުނީ ދޯންޏެއްގައި ކުރި ދަތުރުވަރެއްގައި އެ ރަށު ބަޔަކު ކުރި ކަމަކާ ގުޅުވައިގެންނެވެ. އެމީހުން ކިޔައިދިން ގޮތުން އެއީ ދޯނީގައި ހުރި ކުރުނބާ އިހަލަކުން ކުރުނބާ ބޮއެފައި އުނބުތައް މޫދަށް އުކަައިލަމުން ގޮސް، އެންމެ ފަހު ކުރުނބާ ބޮއެފައި އޭގެ ކިހާކުގެ ރަހަ ބެލިއިރު މާ މީރުވެގެން، މޫދަށް ދޫކޮށްލި އުނބުތައް ހޮވަން އަނބުރާ ދިއުމަށް ދަތުރުގެ ބައިވެރިން ނިންމުމުން އެކަމާ ގުޅުވައިގެން ކިޔަން ފެށި ބަހެކެވެ.
ވަށަފަރު ބަނދަރު މަތީ އެ ރަށަށް ދަތުރުކުރާ މެހެމާނުންނަށް ފެންނަ ގޮތަށް ރަށުގެ ނަން ލެޓިން އަކުރުން ލިޔުމަށްފަހު ފަހަތުގައި އޮންނަނީ ކުރުނބާ އުނބެއްގެ މަތީގައި އޮންނަ ރިޔާ ދޯންޏެކެވެ. ދޯނީގެ ތިރީގައި އޮންނަ ބޮޑު އުނބު ފަރުމާކޮށްފައިވަނީ އެއިން ފެން ފައިބާ ގޮތަށެވެ. ކުރުނބާ މަތިން ކަނޑު ފެންނައިރު ދޯނީގެ ފަހަތުގައި ކަނޑަށް އުކާލާފައި ހުރި އުނބުތަކެއްވެސް ހުރެއެވެ. އެ މުޅި މޮނިއުމެންޓު ފަރުމާކޮށްފައިވަނީ އެ ރަށު މީހުންނަށް ނިސްބަތްކޮށް ކިޔައި އުޅޭ ހަރުބަހާއި، އެ ބަހުގެ ފަހަތުގައިވާ ތާރީހީ ވާހަކަ ރަމްޒުވާނެހެންނެވެ.
މި މޮނިއުމެންޓު އިފުތިތާހުކޮށްދެއްވީ ސިއްހީ ކަަންކަމާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމެވެ. އެ މޮނިއުމެންޓު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމު ފާހަގަކުރެއްވި ގޮތުގައި މިފަދަ ކޮންމެ މަސައްކަތަކުން ދައްކުވައިދެނީ އެ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އަދި އެއީ ރަށުގެ ރައްޔިތުން އެ ރަށުގެ ކުރިމަގާމެދު ގެންގުޅޭ އުންމީދުތައްވެސް ރަމްޒުވާ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ވަށަފަރު މީހުން ބުނި ގޮތުގައި ދިވެހިންގެ ދޫ މައްޗަށް ފަރިތަ ހަރުބަހެއް އެރަށަށް ރައްދުވާވުމަކީ ފަހުރެކެވެ. އެއީ އެހެން ރަށްރަށާ އެ ރަށް ތަފާތުކޮށްދެނެވި ރަށަށް ހާސިއްޔަތެއްގެ ގޮތުގައި ފުދޭ ކަމެއްކަން ފާހަގަކޮށް އެ ރަށު މީހުން ބުނެފައިވަނީ ރަށުގެ މޮނިއުމެންޓުން ރަމްޒުކޮށްދެނީ އެ ކަންކަން ކަމަށެވެ.