ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލަައިފި

06 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް، ފޮޓޯ: މިހާރު

ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލައިފިއެވެ. 

އިއްޔެ އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމުގެ މުސާރައިގެ ގޮތުގައި 25،000 ރުފިޔާ އަދި ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ފޯނު އެލަވެންސްގެ ގޮތުގައި 700 ރުފިޔާ މަހެއްގެ މައްޗަށް ލިބޭނެ ކަމަށެވެ. 

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9 ވަނަ ލެވެލްއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާނަމަ މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، މާސްޓާސް ޑިގުރީ ހާސިލުކޮށްފައިވާނަމަ ހިންގުމުގެ ދާއިރާގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ހަތްވަނަ ނުވަތަ އަށްވަނަ ލެވެލްގެ ސަނަދެއް އޮތްނަމަ ހިންގުމުގެ ދާއިރާގެ ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. 

އޭގެ އިތުރަށް އެ ވަޒީފާއަށް ނަގާ ފަރާތަކީ ސީނިއާ މެނޭޖުމެންޓާއި އެގްޒެކެޓިވް ފެންވަރުގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުމާއި،  ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއި، އިނގިރޭސި އަދި ދިވެހިބަހުން ފަރިތަކޮށް މުއާމަލާތްކުރަން އެނގޭ މީހަކު ކަމުގައިވާންޖެހެއެވެ. 

އަދި އިންޓަވިއުގައި މަގާމަށް ގާބިލުކަން ޕެނަލަށް ސާބިތުކޮށްދޭންޖެހޭނެއެވެ. އަދި ދައުލަތުގެ މާލީ ގަވާައިދުތަކާ އެއްގޮތަށް ފައިސާ ބެލެހެއްޓުމުގެ ކަންކަން ކުރަން އެނގޭކަންވެސް ސާބިތުކޮށްދޭންޖެހެއެވެ. ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުތައްވެސް އެނގެންޖެހޭނެއެވެ. 

ފަސް އަހަރުގެ މުއްދަތަކަށް ނަގާ މި ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ 23 ވަނަ ދުވަހުގެ 13:00 ގައި ކަމަށްވެސް ކޮމިޝަނުގެ އިއުލާނުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު