ENGLISH
12 ސެޕްޓެމްބަރު 2025
އދ.ގެ ކަނޑުތަކާ ބެހޭ ކޮންފަރެންސްގައި މިނިސްޓަރު ޝިޔާމު ބައިވެރިވެވަޑައިގަންނަވަނީ
06 ޖޫން 2025
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު، ފޮޓޯ: ޕީއެސްއެމް
ފުރާންސްގައި އޮންނަ އދ.ގެ ކަނޑުތަކާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ފުރާވަޑައިގެންފިއެވެ.
މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހަށް ފުރާންސްގެ ނީސްގައި ކުރިއަށްދާ މި ކޮންފަރެންސް ފަަށާ ސެޝަނުގައި މިނިސްޓަރު ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
އެވުޒާރާއިން ބުނެފައިވާ ގޮތުން މިނިސްޓަރުގެ ތަގުރީރުގައި ރާއްޖޭގަައި މަސްވެރިކަން ކުރުމުގައި ގެންގުޅޭ ދެމެހެއްޓެނެވި އުކުޅުތަކަށް އަލިއަޅުވައިލައްވައި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން ކަނޑުގެ ދިރުންތަކާއި މާހައުލީ ނިޒާމު ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާނެއެވެ.
އަދި އެ ތަގުރީރުގައި ޒަމާނުއްސުރެ ދިވެހި މަސްވެރިން މަސްވެރިކަންކުރުމުގައި ގެންގުޅެމުން އަންނަ ދެމެހެއްޓެނެވި ގޮތްތަކުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވަމުންދާ އެކި ޒާތުގެ ގޮންޖެހުންތައް މިނިސްޓަރުގެ ތަގުރީރުގައި ފާހަގަކުރައްވާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ދިރުންތަކުގެ ނިޒާމުތައް ރައްކާތެރިކުރުމާއެކު، އެ ގައުމުތަކުގެ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ބަލަހައްޓަމުންދާ ގައުމުތަކަށް ކުރިއަށްވުރެ ބޮޑު ބައިނަލްއަގުވާމީ ސަމާލުކަމެއް ދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި މިފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް މިނިސްޓަރު ފާހަގަކުރައްވާނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކަނޑުތަކާއި ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ގޮތުން އިތުރު ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވައިލެއްވުމާއެކު، ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު އަދި އަމިއްލަ ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމަށް އިސްކަންދޭ ގައުމުތަކަށް ފައިސާ ދިނުމަށް އަހައްމިއްޔަތުކަން ދިނުމަށް ޝިޔާމުގެ ވާހަކަފުޅުގައި އިލްތިމާސްކުރައްވާނެއެވެ.
އަދި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ތިމާވެއްޓާ އެންމެ ރަހުމަތްތެރި އެންމެ ދެމެހެއްޓެނެވި މަސްވެރިކަމުގެ ވައްޓަފާޅީގެ ގޮތުގައި ބަލައިގަތުމަށްވެސް ވަޒީރު ބައިނަލްއަގުވާމީ މުޖުތަމައަށް ބާރުއަޅުއްވާނެއެވެ. އެއާއެކުވެސް މަސް ބޭރުކުރާ ގައުމުތަކާއި ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ބޭރުކުރާ މަހަށް އެންމެ ބޮޑު ޑިއުޓީއެއް ދައްކަންޖެހޭ ގައުމުކަމާއި، އެކަމުގެ ސަބަބުން މަހުގެ ބާޒާރުތަކަށް ވަނުމުގައި ރާއްޖެއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި އެކަމަށް ހައްލުތަކެއް ހޯދުމަށް އިލްތިމާސްކުރައްވާނެއެވެ.
އަދި މި ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ހާއްސަ ސެޝަނެއްވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެ ސެޝަނުގައި ރާއްޖެ ފަދަ އިންތަކެއްގެ ތެރޭގައި މަސްވެރިކަންކުރާ ގައުތަކުގެ މަސްވެރިކަން އިތުރަށް ތަރައްގީކުރެވޭނެ ގޮތްތަކާމެދު ފުންކޮށް މަޝްވަރާކުރެވި މާހިރުންގެ މެދުގައި ހިޔާލު ބަދަލުކުރެވޭނެ ކަމުގައި މިނިސްޓްރީން ބުންޏެވެ.