ENGLISH
07 ޖޫން 2025
ދިވެހި ޙާޖީން މިނާއަށް ދަތުރު ފަށައިފި
06 ޖޫން 2025
|
ދިވެހި ޙާޖީން މުޒްދަލިފާއަށް ދިއުމަށް ބަހަށް އަރަނީ-- ފޮޓޯ: މޯލްޑިވްސް ޙައްޖު މިޝަން
މުޒްދަލިފާގައި ރޭކުރުމަށްފަހު، މިނާގެ ޓެންޓުތަކަށް ދިއުމަށް ދިވެހި ޙާޖީން ދަތުރު ފަށާފައިވާ ކަމަށާއި މިނާއަށް ނުދެވި ބާކީ އޮތީ އެންމެ ދެ ތިން ބަސް ކަމަށް ދިވެހި ޙައްޖު މިޝަނުން ބުނެފިއެވެ.
ޙައްޖު މިޝަނުން ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ މި އަހަރަކީ ޙައްޖު ކޯޕަރޭޝަނުގެ ތާރީޚުގައި ޢަރަފާތާއި މުޒްދަލިފާއިން ދިވެހި އެއްވެސް ޙާޖީއަކު ނުގެއްލި، ސަލާމަތުން ހުރިހާ ޙާޖީން މިނާއަށް ވާޞިލުވާ ފުރަތަމަ އަހަރު ކަމަށެވެ. އަދި މި އަހަރު މުޒްދަލިފާ ނިންމާފަ މިނާއަށް ދަތުރުކުރާ ބަސްތައް ދަތުރު ފަށާފައި ވާނީ ވަކިވަކީން ހުރިހާ ޙާޖީން ގުނާ، އެންމެން ހަމަކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް ޙައްޖު މިޝަނުން ބުންޏެވެ.
މި އަހަރު ޙާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޙާޖީންނާއެކު މައިދާނުގައި ޙަރަކާތްތެރިވާ އެހީތެރީންގެ އިތުރަށް، ޙާޖީން ސަލާމަތުން ތިބިކަން ކަށަވަރު ކުރުމަށް ޙައްޖު ކޯޕަރޭޝަނުގެ މައި އޮފީހުގައިވެސް ވަރަށް މުހިންމު މަސައްކަތެއް ކުރިއަށް ދެއެވެ.
އެކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލު އެކްސްގައި ވިދާޅުވީ މައްކާއިން ނިކުމެ، މިނާއަށް ޙާޖީންގެ ފުރަތަމަ ދަތުރު ފެށި ހިސާބުން ކޯޕަރޭޝަނުގެ މުވައްޒަފުން ޝިފްޓު ބަހައިގެން 24 ގަޑިއިރު ޙާޖީން ޙަރަކާތްތެރިވާ ގޮތްތައް މޮނީޓަރ ކުރަމުންދާ ކަމަށެވެ.
އަދި އޮޅިގެންވެސް ޙާޖީއަކަށް ކަނޑައެޅިފައިވާ ސަރަހައްދުން ބޭރަށް ދެވިއްޖެނަމަ، މާލޭގައި ހުންނަ ހެޑް އޮފީހުން އެ ހައްޖުވެރިޔަކަށް ގުޅައި، ހާލު ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް ޝަކީލު ވިދާޅުވިއެވެ.
ޙައްޖުގައި ބާކީ އޮންނާނީ ޖަމްރާތަކަށް ހިލައުކުމާއި، ޙަދުޔު ކަތިލުމަށްފަހު ބޯބޭލުން ނުވަތަ ބޯކޮށުމާއި މިނާގައި ރޭކުރުން އަދި ޠަވާފުލް އިފާޟާކުރުމެވެ.