ENGLISH
07 ޖޫން 2025
ފްރާންސް ބަލިކޮށް، ސްޕެއިނުން ނޭޝަންސް ލީގުގެ ފައިނަލަށް
06 ޖޫން 2025
|
ސްޕެއިނާ ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ފްރާންސް 5-4 އިން ބަލިކޮށް، ސްޕެއިނުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މިދިޔަ 56 އަހަރުގެ ތެރޭގައި މެޗެއްގައި ފްރާންސް ކޮޅަށް ފަސް ލަނޑު ވަތް ފުރަތަމަ ފަހަރެވެ.
ސްޓުޓްގާޓްގެ އެމްއެޗްޕީ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ 25 މިނެޓުގެ ތެރޭގައި ސްޕެއިނުން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ނިކޯ ވިލިއަމްސް އާއި މިކޭލް މެރީނޯ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަވަނަ މިނެޓުގައި ސްޕެއިންގެ ތިންވަނަ ލަނޑުޖަހައިދިނީ ލަމީން ޔަމާލް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ސްޕެއިންގެ ޔަމާލް އަށް ފްރާންސްގެ އެޑްރިއެން ރަބިއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ޔަމާލް ކާމިޔާބުކުރި ގޯލެކެވެ.
ސްޕެއިނުން ތިންވަނަ ލަނޑުޖެހިތާ މިނެޓެއްނުވަނީސް، އެ ޓީމުގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ޕެޑްރީ އެވެ. އޭނާ މި ލަނޑުޖެހީ ވިލިއަމްސް ދިން ޕާހަކުންނެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ފްރާންސްގެ ފުރަތަމަ ލަނޑުޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ކީލިއަން އެމްބާޕޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެމްބާޕޭ އަށް ސްޕެއިނުގެ ޑިފެންޑަރު، ޕެޑްރޮ ޕޯރޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ޔަމާލް ވަނީ އިތުރު ލަނޑެއްޖަހައި، ނަތީޖާ 5-1 އަށް ބަދަލުކޮށްލާފައެވެ.
ސްޕެއިނުން ބޮޑު ލީޑެއްނަގާފައިވަނިކޮށް، ފްރާންސުން ވަނީ ތިން ލަނޑުޖަހައި، ފަރަގުކުޑަކޮށްފައެވެ. ފްރާންސުން ޖެހި ތިން ލަނޑުގެތެރެއިން އެއް ގޯލަކީ ސްޕެއިނުގެ ޑިފެންޑަރު، ޑެނިއަލް ވިވިއާން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ ރަޔާން ޝެރީކީ އާއި ރެންޑަލް ކޯލޯ މުއާނީ އެވެ.
މުބާރާތުގެ ފައިނަލުގައި އަންނަ އާދީއްތަ ދުވަހު ސްޕެއިން ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ތިންވަނަ ހޮވާ މެޗުގައި ފްރާންސް ބައްދަލުކުރާނީ ޖަރުމަނާ އެވެ.