ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ އިންޓަވިއު ނިންމައި ލަފާ މިނިސްޓަަރަށް

06 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ފުލުހުންގެ ހިދުމަތުގެ އިސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ އިންޓަވިއު މަރުހަލާ ނިންމައި، އެ ބޭފުޅުންނަަށް ޕޮލިސް ބޯޑުގެ މެންބަރުން ދެއްވި މާކުހާއެކު ގޮތެއް ނިންމެވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނަށް ބޯޑުގެ ލަފާ ފޮނުވައިފިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ އިންޓަވިއު މަރުހަލާ ބޯޑުން ނިންމައިލީ މި މަހުގެ ހަތަރުވަނަ ދުވަހުގެ ރެއެވެ. އަދި އިއްޔެ ބޯޑުންވަނީ އެ ބޯޑުން އެ ބޭފުޅުންނަށް ދިން މާކުހާއެކު ބޯޑުގެ ލަފާ މިނިސްޓަރަށް ފޮނުވާފައެވެ. 

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ އޭޕްރީލު މަހުގެ 26 ވަނަ ދުވަހު އެއިރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާ އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަދި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލީ ނިމުނު މޭ މަހުގެ 26 ވަނަ ދުވަހުއެވެ. 

އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ ވަގުތީ ގޮތުން ފުލުހުންގެ ހިދުމަތް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސައުރު ޕޮލިސްގެ ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޝަމީމެވެ. 

ގާނޫނުގައި ބުނާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވި ތާރީހުން ފެށިގެން 45 ދުވަސް ތެރޭ އެ މަގާމަށް އައު ބޭފުޅަކު އައްޔަންކުރަންވާނެއެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން މިނެކިރުމަށްފަހު ބޯޑުން މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރު ދެއްވާ ލަފާގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއެވެ. 

އެހެންކަމުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ރައީސަށް ލިބިވަޑައިގަންނަވާ މުއްދަތު ހަމަވާނީ އަންނަ ހޯމަދުވަހަށެވެ. 

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ޝުޖާ އިސްތިއުފާދެއްވީ ހެންވޭރު ގެއަކުން ޖެހިގެން ހުރި އިމާރާތުގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅިގެން އާއްމުންގެ ފާޑުކިޔުން ފުލުހުންގެ ހިދުމަތަށް ވަރަށް ބޮޑަށް އަމާޒުވެފައި އޮއްވައެވެ. 

ކިޔުންތެރިންގެ ހިޔާލު