ENGLISH
07 ޖޫން 2025
މުޞީބާތުގެ ވަޤުތުގައި އެހީތެރިވުމަކީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް: ހުކުރު ޚުޠުބާ
06 ޖޫން 2025
|
މުޞީބާތުގެ ވަޤުތުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެއް ކަމާށައި، އެއީ އީމާންކަން ފުރިހަމަވެފައިހުރި ކަމުގެ ރަމްޒެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"އެކަކު އަނެކަކަށް އެހީތެރިވުން" މި މައުޟޫޢަށް މިއަދު މުޅި ރާއްޖޭގައި އިއްވި ޚުޠުބާގައި ބުނެފައިވަނީ، މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި، އެކަކު އަނެކެއްގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ. އެހެންކަމުން މުޞީބާތާއި ތަކުލީފުގެ ވަގުތުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބެއް ކަމަށާއި އެއީ އީމާންކަން ފުރިހަމަވުމުގެ އަލާމާތެއް ކަމަށެވެ. އަދި މިއީ މުއުމިނުންގެ ސިފައެއް ކަމަށެވެ.
ޚުޠުބާގައި އިތުރަށް ބުނެފައިވަނީ، މީސްތަކުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާ ގުޅި، ލާމެހިފައިވާ ބައެއް ކަމަށެވެ. އަދި އެއްބަޔަކު އަނެއް ބައެއް ދެކެ ލޯބިވުމާއި ރަޙުމުކުރުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަމަށް، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އަހަރެމެންގެ މި މުޖުތަމަޢުގައި ވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެފައިވާ އެތައް ބަޔަކު ތިބިކަން ފާހަގަކޮށް، ޚުޠުބާގައިވަނީ އެފަދަ މީހުންނަށް އަހަރެމެން އެހީތެރިވާން ޖެހޭނެކަމަށް ބުނެފައެވެ. އެގޮތުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ތެލަސީމިޔާ ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކާއި، ޔަތީމުކުދިން ފާހަގަކޮށް، މިފަރާތްތަކަށް އަޅާލައި، އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. ވަކީން ޚާއްޞަކޮށް، ތެލަސީމިޔާ ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ދެވޭ ކޮންމެ ފައިސާފޮއްޗެއްގެ އިތުރުން ކޮންމެ ލޭ ތިއްކަކީވެސް ޞަދަޤާތެއްގެ ގޮތުގައި ހިމެނިގެންދާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގައި މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުން ދެއްކެވި މަތިވެރި ނަމޫނާ ދައްކުވައިދޭ ވަރަށް ޢިބުރަތްތެރި ހާދިސާއެއް ޚުޠުބާގައި ގެނެސްފައި ވެއެވެ. މާތް ނަބިއްޔާގެ އަރިހަށް މީހަކު އައިސް، ކާނެ އެއްޗެއް ނެތްކަމުގެ ޝަކުވާ ދެންނެވުމުން، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ގެކޮޅުތަކަށް، ކާއެއްޗެއް ހުރިތޯ ބަލަން ބޭފުޅަކު ފޮނުއްވައިގެންވެސް އެއްޗެއް ނުލިބުމުން އެމީހާއަށް ކާންދީ، މެހެމާންދާރީ އަދާކުރާނެ ބޭކަލަކީ ކޮބާތޯ ސުވާލުކުރައްވާ، އެބޭކަލަކަށް ﷲ ތަޢާލާ ރަޙުމަތްލައްވާނެ ކަމަށް ޙަދީޘްކުރެއްވިއެވެ. އެހިނދު އަބޫ ޠަލްޙާ رضى الله عنه އެކަމަށް އިސްވެވަޑައިގެން އެމީހަކު ގޮވައިގެން އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގަތެވެ. އަދި ކާއެއްޗެއް ހުރިތޯ އެކަލޭގެފާނުގެ އަނބިކަނބަލުންގެ އަރިހުގައި ސުވާލު ދެންނެވުމުން، ގޭގައި ހުރި ކުޑަކުދިން ކާނެ އެތިކޮޅެއް އެކަނި ކަމަށް ދެންނެވިއެވެ. އެ ޙާލަތުގައިވެސް މެހެމާނަށް ކާންދެއްވުން އިސްކުރައްވާ، ކުޑަކުދިން ކޮންމެވެސް ގޮތަކުން މަސަލަސްކޮށްގެން ނިންދަވަން އެންގެވިއެވެ. އަދި އަބޫ ޠަލްޙާއާއި އަނބިކަނބަލުން، ބޮކި ރަނގަޅުކުރައްވަން ކަމަށް ހައްދަވާ، ބޮކި ނިވާލެއްވުމަށްފަހު ފަރީއްނުކުޅުއްވާ ތިއްބެވިއެވެ. ޙަޝްރު ސޫރަތުގެ ނުވަވަނަ އާޔަތް ބާވައިލެއްވީ މި ހާދިސާއާ ގުޅިގެން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ދެވަނަ ޚުޠުބާގައި ބުނެފައިވަނީ އަހަރެމެން އިންސާނުން އުފައްދަވާފައިވަނީ އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާ މުޢާމަލާތްކޮށް، އިޖުތިމާޢީ ދިރިއުޅުމެއް އުޅޭ ގޮތަށް ކަމަށެވެ. އިސްލާމީ މުޖުތަމަޢުގެ އަފުރާދުން ވާން ޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބައެއް ކަމުގައެވެ.
އަދި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމަޢެއް ބިނާކުރެވޭނީ އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބައެއްކަމުގައި ވެގެން ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.