ENGLISH

07 ޖޫން 2025

Advertisement

އުނގޫފާރު މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީސީ އިން ނިންމާލައިފި

05 ޖޫން 2025

|

މުޙައްމަދު އަދުހަމް

އުނގޫފާރުގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ނިންމާލުން. ފޮޓޯ: އެމްޓީސީސީ

ރ. އުނގޫފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލައިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، އުނގޫފާރުގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 8،626.55 އަކަ މީޓަރުގެ ތާރު އަޅާފައިވާ ދުއްވާ ސަރަޙައްދެއް ހެދުމާއި، 2،537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ސާރވިސް ލައިން ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުމަތީ ކަފިހި ހުރަސް ކުރަހައި ކުލަލުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 2،500 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ އުނގޫފާރަކީ ރ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެ ރަށުގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ސަރުކާރު އޮފީސްތަކާއި ކުންފުނި ތަކުގައެވެ. އަތޮޅުގެ އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވެސް އިދާރީ، ޞިއްޙީ އަދި ވިޔަފާރި ފަދަ ޒަރޫރީ ބޭނުންތަކަށް އެ ރަށަށް ޒިޔާރަތްކުރެއެވެ.

އެހެންކަމުން، ތާރު އަޅާފައިވާ ރީތި ޒަމާނީ މަގުތަކުގެ ސަބަބުން އުނގޫފާރު ރައްޔިތުންނާއި އަދި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، ހޫނުގަދަ މޫސުމުގައި މަގުތައް ހިރަފުސްވުމުންނާއި، ވިއްސާރަ ދުވަސްވަރު މަގުތައް ޗަކަވެ މަގުތަކުގައި ކިސަޑު ހެދުން ނިމުމަކަށް އަންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި މަގުގައި ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް މަގު ބޭނުން ކުރަން އިތުރަށް ފަސޭހަވެ، ދުއްވާ މަގުތަކަކީ އަޑިގުޑަން ނުހުންނަ ރައްކާތެރި މަގުތަކަކަށް ވެގެން ދާނެކަމަށާއި، ރަށުގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށްވެސް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 2021 ވަނަ އަހަރު ވަނީ އެ ރަށުގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު