ENGLISH

07 ޖޫން 2025

Advertisement

ކުޑަހުވަދޫ އާއި ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫޢުގެ އަދާހަމަ އާރްޑީސީ އިން ހިއްސާކޮށްފި

05 ޖޫން 2025

|

މުޙައްމަދު އަދުހަމް

ކުޑަހުވަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އާރްޑީސީ

ދ. ކުޑަހުވަދޫ އާއި ޅ. ހިންނަވަރުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މި ވަގުތު ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އާއްމުކޮށްފިއެވެ.

އާރްޑީސީ އިން ބުނީ، ކުޑަހުވަދޫގައި މިހާރު ކުރިއަށްދަނީ އޯކިޑް މަގުގައި ދުވާރުގެ މަސައްކަތާއި، ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ކަމަށެވެ.

ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ 5.85 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތްތަކުގެ އިތުރުން މަގުތަކުގައި އެކަށީގެންވާ ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމާއި މަގުތަކުގައި ނިޝާންތައް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މިއީ ދައުލަތުގެ ބަޖެޓުން 122 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހިންނަވަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: އާރްޑީސީ

ހިންނަވަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ، ރޯޑް 13 ގައި ކާރބް ސްޓޯން ޖެހުމާއި، ނޫރާނީ މަގުގެ ދުވާރުގެ މަސައްކަތް ކަމަށް އާރްޑީސީ އިން ވަނީ ބުނެފައެވެ.

ހިންނަވަރު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ 2021 ވަނަ އަހަރު އާރްޑީސީއާ ހަވާލުކުރި މަސައްކަތެކެވެ. ސަރުކާރުން 122 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

ހިންނަވަރާއި، ކުޑަހުވަދޫ އަކީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ތަފާތު އެކި ސަބަބުތަކާހުރެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްނުގޮސް ހުއްޓިފައިވާ ބައެއް ރަށްތަކުގެ ތެރެއިން ދެ ރަށެވެ. 

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ކޮންމެ ރަށެއްގައި ވެސް އެންމެ ބޮޑެތި މަގުތައް މި ދައުރުގެ ތެރޭގައި ތަރައްޤީ ކުރުމަކީ އެމަނިކުފާނުގެ އަމާޒެވެ. މީގެއިތުރުން، ސަރުކާރުގެ މިހާރުގެ އަމާޒަކީ ރަށްރަށުގައި މަޑުޖެހިފައިހުރި މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ކުރިއަށްގެންދަވައި ނިންމެވުމެވެ.

ކިޔުންތެރިންގެ ހިޔާލު